ރަސްފަންނުގައި އަޅާފައިވާ ޖޮގިން ޓްރެކްގެ މަސައްކަތަށް އާސަންދަ ބަޖެޓުން 9.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
އާސްންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޑީ ރަޝީދު ވިދާޅުވީ، އާސަންދަ ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮށްފައިވާ ހަރަދުތައް ބަލަމުން އަންނަ ކަމަށާއި ބައެއް ކަންތައްތައް މިހާރު ވެސް އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީ ރަޝީދު ވިދާޅުވީ، ލިޔެކިޔުންތަކުން ފެންނަން ހުރި މިންވަރަށް ބަލާއިރު އާސަންދައިގެ ބަޖެޓުން ރަސްފަންނުގައި ދުވާ ޓްރެކް އެޅުމަށް 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މި ޓްރެކް އެޅުމަށް އެ ކުންފުނިން މިހާ ބޮޑު އަދަދެއް ހަރަދު ކޮށްފައި ވާއިރު، ރަސްފަންނުގެ އެއްވެސް ބައެއް އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައި ނެތް ކަމަށް އެމްޑީ ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، ދުވާ ޓްރެކް ހެދުމަށް އާސަންދަ ކުންފުނީގެ ބަޖެޓުން ހަރަދުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސިޓީ އެއްގެ ޒަރިއްޔާ އިން 'ޑައިރެކްޝަން' ލިބިފައިވާ ކަމަށެވެ.
ސުނާމީ ބިނާ މައިޒާނާއި ރަސްފަންނާ ދެމެދުގައި އަޅާފައިވާ ދުވާ ޓްރެކްގެ ދިގު މިނުގައި ހުންނަނީ ހަތް ސަތޭކަ މީޓަރު ދިގު މިނެވެ.