ރާއްޖޭގެ ޓެކްސީ ޑްރައިވަރުންނަކީ އާދަޔާ ހިލާފު ބައެކެވެ. އެއް ނެޓްވޯކެއް ގޮތަށް އޮޕަރޭޓް ކުރުމުގެ ދިގު ސަގާފަތެއް އޮތް ބައެކެވެ. މާލެ ތެރޭގައި ކަމެއް ހިނގިޔަސް، ސައިކެއް އެއްޗެއް ގެއްލުނަސް ޓެކްސީ ޑްރައިވަރެއްގެ ގާތުގައި ބުނެލާތާ ފަސް މިނެޓްގެ ތެރޭގައި މުޅި މާލޭގައި ދުއްވާ ހުރިހާ ޓެކްސީއަކަށް އެ މައުލޫމާތު ލިބެއެވެ. އަދި ވަކި ގޮތަކަށް ކެމްޕޭނެއް ހިންގަން ވިޔަސް ވަރަށް ފަސޭހައެވެ. މިކަން ޓެކްސީއަކަށް އަރާލީމާ ތަޖުރިބާ ކުރެވޭނެއެވެ.

ބައެއް ޓެކްސީ ތަކަކީ ފަސޭހަތަކާއި ތަކުލީފުތައްވެސް އެހާމެ ބޮޑު ޓެކްސީ ތަކެކެވެ. އެންމެ ބޮޑު ތަކުލީފެއް ޖައްސަނީ ވާރޭ ތިއްކެއް ވެހެންޏާއެވެ. މާލޭގައި 1200 ޓެކްސީ އޮންނަ އިރު، ވާރޭ ތިކެއް ވެހެންޏާ ޓެކްސީއެއް ލިބޭ ކަމަކަށް ނަހަދާނެއެވެ. އަދި އެނޫނަސް މާލޭ ތެރޭގައި ހަރަކާތެއް ހިންގިޔަސް އަދި އާންމު ކަމެއްގެ ގޮތުގައިވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ދަތުރެއް އޮތްތޯ އަހައިފިއްޔާ ކާރެއް އޮތް ކަމަކަށް ނުވާނެއެވެ.

ފަސޭހަތައްވެސް ބައެއް ފަހަރު އެބަ ހުއްޓެވެ. ހާއްސަކޮށް ބައެއް ޓެކްސީ ޑްރައިވަރުންގެ ހެޔޮ އަހުލާގަކީ ފާހަގަ ކޮށްލަން ޖެހޭ ކަންކަމެވެ. ރައްޓެސްސަކު ބުނީ އޭނާ ސައިކަލެއްގައި ދަނިކޮށް އެކްސިޑެންޓެއް ވެގެން ބޯ ފަޅައިގެން ގޮސް ލޭ އައިސްފައި އޮތް ވަގުތެއްގައި މަގުން ދިޔަ ޓެކްސީއަކަށް އަތް ނެގުމުން ހުއްޓާފައިވެސް ލޭ ހުރީމާ އެރުވެން ނެތް ކަމަށް ބުނެ ދިޔަ ތަނުން ދެން އައި ޓެކްސީ އަކުން ޑްރައިވަރު ނުކުމެގެން އައިސް އޭނާ ޓެކްސީގައި ހޮސްޕިޓަލަށް ގެންގޮސް ދިން ކަމަށެވެ.

މާލޭގެ ދަތުރު ފަތުރު

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލޭގައި 1200 އެއްހާ ޓެކްސީ އޮތް އިރު ސައިކަލުގެ އަދަދު ލައްކައަކާ ގާތް ކުރެއެވެ. ބައިސްކަލަކީ ނިސްބަތުން މަދު އެއްޗެކެވެ. ދަތުރު ފަތުރުގެ ބޭނުމަށް އާންމުން ވެހިކަލް ބޭނުން ކުރާ ނިސްބަތަށް ބަލާއިރު ޓެކްސީ ބޭނުން ކުރާ ނިސްބަތަކީ 6 ޕަސެންޓެވެ. ސައިކަލު ބޭނުން ކުރާ ނިސްބަތަކީ 77 ޕަސެންޓެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެއްގަމު އުޅަނދު ބޭނުން ކޮށްފައި ހުންނަ ގޮތަށް ބަލާއިރު މަސައްކަތާ ގުޅޭ ކަންކަމުގައި ދަތުރު ފަތުރު ކުރާ އުޅަނދެއް ބޭނުން ކުރާ މީހުންގެ ނިސްބަތަކީ 50 ޕަސެންޓެވެ. އަނެއް 50 ޕަސެންޓަކީ ގޭތެރެއާ ގުޅުން ހުރި ކަންކަމުގައި އެއްގަމު ދަތުރުފަތުގެ ބޭނުން ކުރާ މީހުންނެވެ.

ޖުމްލަކޮށް ދަންނަވާ ނަމަ ޓެކްސީތަކުން އެވްރެޖްކޮށް ދުވާލަކު 12500 ދަތުރު ކުރެއެވެ. އެއީ 25 ރުފިޔާގެ ރޭޓުން ބަލައިފިއްޔާ އަހަރަށް 3.7 މިލިއަން ރުފިޔާއެވެ. މީގައި ޕިކަޕް ދަތުރާ، ޑިކީ ދަތުރާ، ގަޑީ ދަތުރެއް ނުހިމަނަމަވެ.

މިހާރު ހުރި އަގުތައް ބޮޑީތަ

ރާއްޖޭގައި އާންމުކޮށް ދުއްވަން ގެންގުޅޭ ބްރޭންޑްތަކުގެ ކާރުތަކަކީ ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ކާރުތަކެވެ. ގިނަ ކާރުތަކުގެ ކޮންޑިޝަން ރަނގަޅަސް ބާވެ ހެލޭ ދަތަކަށް ވެފައި ހުންނަ ޓެކްސީވެސް މާލެ ތެރޭގައި ދުއްވައެވެ. އެވްރެޖްކޮށް މިއިން ކޮންމެ ކާރަކަށް ހަފުތާއަކު އަޅަނީ 300 ރުފިޔާގެ ޕެޓްރޯލެވެ. ކާރެއް 8 ކިލޯ މީޓަރަށް ދުއްވައި ނަމަ އާންމުކޮށް އަނދަނީ 4 ލީޓަރުގެ ޕެޓްރޯލެވެ. އެހެންވީމައި 300 ރުފިޔާގެ ޕްޓްރޯލުން ގާތްގަނޑަކަށް ހަފުތާއަކު ހިފަހައްޓާނެއެވެ.

މިހެން ދެން އަގުތައް ކިޔަސް، މާލެ ތެރޭގައި ޓްރެފިކް އޮންނަ ގޮތުންނާއި މަގުތައް ބަންދު ކޮށްފައި އޮންނަ އިރު އެގޮތް މިގޮތަށް ދުއްވަން ޖެހޭ ފަހަރުފަހަރު ޕެޓްރޯލް އަނދާލެއް ތަންކޮޅެއް ގިނަ ވާނެއެވެ.

މިހާރު ޕްޓްރޯލް ލީޓަރެއް 11 ރުފިޔާ 13 ލާރިއަށް ލިބެއެވެ. އޭގެ މާނަ އަކީ 8 ކިލޯ މީޓަރުގެ ދަތުރަކަށް ހަރަދު ވާނީ ކޮޅަކަށް 44 ރުފިޔާ 52 ލާރިއެވެ. ދެކޮޅަށް 89 ރުފިޔާ 04 ލާރި އެވެ.

8 ކިލޯ މީޓަރުގެ ވާހަކަ މި ދައްކަނީ މާލެއިން ހުޅުމާލެއަށް ދާށެވެ. މާލޭގެ މެދުތެރެއިން ދަތުރު ފަށައިގެން ހުޅުމާލޭ ސެންޓްރަލް ޕާކަށް އެ ހަމަވީ 8 ކިލޯ މީޓަރެވެ. ދަތުރު ނިމުނީއެވެ. ސަރުކާރުން ހަމަޖައްސާފައި އޮތް ގޮތަށް 75 ރުފިޔާއަށް އެ ދަތުރު ކުރިޔަސް ޓެކްސީ ތަކަށް 30 ރުފިޔާ 48 ލާރީފެ ފައިދާއެއް ލިބޭނެއެވެ. ދެ ދަތުރުން 60 ރުފިޔާ 96 ލާރި ލިބޭނެއެވެ.

ދުނިޔޭގެ އެހެން ތަންތާނގައި ކަން ކުރާ ގޮތް

ރާއްޖެ ނޫނަސް ދުނިޔޭގައި މީހުން ދިރިއުޅޭ ހުރިހާ ގައުމެއްގައިވެސް ދަތުރު ފަތުރު ކުރެއެވެ. ރާއްޖޭގެ ގިނަ ޓެކްސީ ޑްރައިވަރުންނަށްވެސް މިތަންތަން ފެނި ޓެކްސީތަކުގައި ދަތުރުވެސް ކުރެވިފައި ހުންނާނެއެވެ. އެމީހުން އެކަން ކުރާ ގޮތާ، ދަތުރަށް ހަރަދުވާ ވަރާ، ލަގޭޖު ގެންގުޅޭ ގޮތާ މިކަންކަން ހަމަ ޔަގީނުންވެސް ހުންނާނީ ތަޖުރިބާ ކުރެވިފައެވެ.

އެންމެ ކައިރިން ލަންކާއަށް ބަލަމާ ހިނގާށެވެ. އެކި ސައިޒުގެ ކާރު ހުންނަނީ އެކި އަގަށެވެ. ލަގޭޖު ނެތި ހަމަ އެކަނި މީހާ ދަތުރު ކުރަންޏާ ނެނޯ (ކުޑަ) ކާރަކުން ފުދެއެވެ. އަގު ދައްކަން ޖެހެނީވެސް ދުއްވާ ދުރުމިނެއްގެ ނިސްބަތުންނެވެ. ލަގެޖާއެކު ދާން ވެއްޖެ ނަމަ ތަން ކޮޅެއް ބޮޑު ކާރެކެވެ. އަގުވެސް ތަންކޮޅެއް ބޮޑުވާނެއެވެ. އެއަށްވުރެ ބައި ގިނަކޮށް ދާން ބޭނުންވާނަމަ ވޭން ވެސް ލިބެން ހުރެއެވެ. އަގު ކުޑަޔަސް ބޮޑަސް، އަގު ހަދާފައި ހުންނަނީ ޑިކީއާވެސް އެއްކޮށެވެ. ޑިކީއަށް ދާގީނާއެއް ލާތީ ވަކި އިތުރު އަގެއް ނުނަގައެވެ.

ދިވެހިން ގޮސް އުޅޭ މެލޭޝިއާ، ސިންގަޕޫރު، ޔޫރަޕު ބަލާށެވެ. އަގުތައް ހަދާފައި ހުންނަނީ ހަމަ އެއް ގޮތަކަށެވެ. ދެން އެއޮތް ޗައިނާއަށް ބަލާށެވެ. ހަމަ އެއް ގޮތެވެ. ޗައިނާއާއި އެނޫންވެސް ބައެއް ގައުމުތަކުގައި ކާރުގެ އިތުރުން ސައިކަލާ ބައިސްކަލުވެސް ކުޔްޔަށް ލިބެން ހުރެއެވެ. މާނަ އަކީ މީޓަރަށް އަރާ މިންވަރު ދައްކާފައި ދުއްވާނެ ވަރަކަށް ދުއްވަން ވީއެވެ.

ސިނަމާލެ ބްރިޖުން ބަޔަކު ދަތުރު ކުރަނީ

ރާއްޖޭގެ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު

ރާއްޖޭގެ ޑްރައިވަރުންގެ ޝަކުވާތައް ގިނައެވެ. ކާރު ސެންޓަރަށް ލާރި ދީފައި، ގަރާޖު ވެރި މީހާއަށް ދީފައި، މެއިންޓަނަންސްއަށް ހަރަދު ކޮށްފައި، ގޭ ކުލި، ފެން، ކަރަންޓް، ފޯން ދައްކާފައި، ކުދިންގެ ކިޔެވުމަށް ހަރަދު ކޮށްފައި ދެން ހަމަ މުކޮސްވެސް ނޯންނަނީއެވެ. ތެދެކެވެ. ޓެކްސީ ކުރާ މީހުން އާމްދަނީ ހޯދުމަށް ކުރާ ހަމަ އެކަނި މަސައްކަތަކީ އެއީ ކަމަށްވެސް ބަލަން ޖެހެއެވެ. ނަމަވެސް އެހެން ބެލޭނީ ޓެކްސީ އެއް ބޭނުންވެގެން މީހަކު ގުޅާލީމައި ޓެކްސީ ލިބެން އޮންނަ ނަމައެވެ. ކުރިންވެސް ދެންނެވިހެން ގިނަ ވަގުތަކީ ޓެކްސީއެއް ނުލިބޭ ނުވަތަ ސެންޓަރުތައް ބިޒީ ކޮށްފައި ހުންނަ ވަގުތެވެ. ދެން އޮތީ ސެންޓަރަށް ދޭ ފީއެވެ. އާންމުކޮށް މާލޭގައި ދުއްވާ ޓެކްސީތައް ސެންޓަރަށް ދެނީ މަހަކު 600 ރުފިޔާއެވެ. ގަރާޖުތައް ހުރީ އެކި އެގުތަކުގައެވެ. ދެން އަމިއްލަ ހަރަދުތަކާ ގޭ ކުލި ފަދަ އެއްޗެހީގެ ވާހަކައެއް ނުދައްކާނަމެވެ.

ޓެކްސީއެއް އެވްރެޖްކޮށް ދުވާލަކު (އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތަށް) 800 އާއި 1000 ރުފިޔާ އާއި ދޭތެރެއިން އާމްދަނީ ހޯދައެވެ. އެއަށް ވުރެ އިތުރަށް ހޯދާ ޓެކްސީ ތަކާއި މަދުން ލިބޭ ޓެކްސީތައްވެސް ހުރެއެވެ. އެވްރެޖެއް ހަދާނަމަ، މަހަކު 30 ހަކަށް ހާސް ހޯދާ ޓެކްސީތައް މަދެއް ނޫނެވެ. އެއީ 25 ރުފިޔާގެ ރޭޓުގައި އޮންނަ އެތެރޭގެ ދަތުރު ތަކުންނެވެ. ދެން 75 ރުފިޔާއަށް ބޭރު ދަތުރުތައް ހެދީމައި، އެ އަގު ކުޑަވެގެން އެވާހަކަ ދައްކަން ވާނީ، އެއް ދަތުރުން މުޅި ދުވަހުގެ އާންމުދަނީ ހަމަޖައްސާލަން ވިސްނައިގެން އުޅޭ ބައެކެވެ. އާންދަނީއެއް ހޯދަން މަސައްކަތް ކުރާ ގޮތަށް، ބަޔަކަށް ހިދުމަތެއް ދޭ ގޮތަށް، ވަޒީފާއެއްގެ ގޮތަށް، ޒިންމާއެއް އޮތް ގޮތަށް އެކަން ކުރާ މީހަކު އެ ޝަކުވާއެއް ނުކުރާނެއެވެ. 75 ރުފިޔާއަށްވެސް ހެވިފައި އެދަތުރު ކޮށްދޭނެއެވެ. މިހާރުވެސް އަގު ކުޑަވެގެން ވާހަކަ ދައްކާ މީހުންނަކީ ގިނަ ފަހަރަށް އެތެރޭގެ ދަތުރުތައް ނުކުރާ ބައެކެވެ. މާލެ ތެރެއިން ދަތުރެއް ވިއްޔާ ނުކޮށް ވޭތޯ، ބްރިޖު ވެއްޖެއްޔާ ހޭ ވައްލާ ތައްޔާރަށް ތިބި ބައެކެވެ.

ބާ ވެހިކަލްތަކެއް އުކާލަން ތައްޔާރު ކޮށްފައި

ދެން ހައްލަކީ ކޮބާ

ރާއްޖޭގައި އެއްގަމު ދަތުރުފަތުރަކީ ހަމައަކަށް އެޅެން ޖެހޭ ކަމެކެވެ. އުސޫލުތަކާ ހަމަތައް އަދި އަގުތައްވެސް ކަނޑައެޅެން ޖެހޭ ކަމެކެވެ. ހިތައް އެރި ގޮތަކަށް ހިތައް އެރި އަގެއްގައި އެކަން ކުރަން ދޫކޮށްލެވޭކަށް ނެތެވެ. ދުނިޔޭގެ އެހެންވެސް ބައެއް ގައުމުތަކުގައި ކަންކަން ހައްލު ކޮށްފައި ހުންނަ ގޮތް ބަލައިގެންނަމަވެސް ހައްލު ގެންނަން ޖެހެއެވެ. އެގޮތުން ތައާރަފު ކުރެވިދާނެ ބައެއް ކަންކަމަކީ މީޓަރު ހަރުކޮށްފައި ހުންނަ ބައިސްކަލް ތައާރަފު ކޮށް ކުއްޔަށް ލިބެން ހުރުމާއި، ސައިކަލު ތަކަކީވެސް އޮގޮތަށް ކުއްޔަށް ދެވޭ އުޅަނދުތަކަށް ހެދުމާއި، މިހާރު މާލޭގައި ބޭނުން ކުރާ ހުރިހާ ޓެކްސީއެއް ސަރުކާރުގެ ހަރަދުގައި އެކްސްޕޯޓް ކޮށް ބަދަލުގައި 3 ކެޓަގަރީއެއްގެ ޓެކްސީ ރާއްޖެއަށް ތައާރަފު ކުރުމެވެ.

އެއީ މިނީ (ޑިކީއާ ނުލައި)، ޑިކީއާ އެކު ހުންނަ މެދު ސައިޒު އަދި ފަސް ހަމީހުންގެ ޖާގައިގެ ވެހިކަލް ތައާރަފު ކުރުމެވެ. ދެން މި ވެހިކަލްތަކަކީ މިހާރުވެސް ޓެކްސީ ދުއްވާ ފަރާތްތަކަށް މަހަކު 500 ރުފިޔާ ދައްކާ ގޮތަށް އިނިސްޓޯލްމަންޓަށް ދޫކުރާ އެއްޗެއްސައް ހެދުމެވެ. މިހެން މިކަން ކުރުމުން މާލޭގެ މަގުތަކުގައި މިހާރު 60 ޕަސެންޓް ޕާކިން ޖާގަ ޓެކްސީތަކުން ހިފާފައި އޮންނަ އޮތުމަށްވެސް ހައްލު ލިބޭނެއެވެ. އަދި ބައިސްކަލު ތައާރަފު ކުރާ އިރު މާލޭގައި ހުންނަ ސައިކަލުގެ އަދަދުވެސް މަދުކުރުމަކީ ކުރަންޖެހޭނޭ ކަމެކެވެ.

މިހުރިހާ ކަމެއް މިހެން ކުރާ އިރު ރަނގަޅު ފެންވަރުގެ ޕަބްލިކް ޓްރާންސްޕޯޓަކީވެސް އޮންނަން ޖެހޭ އެއްޗެކެވެ. މާލޭގެ މަގުތައް އެއްކޮށް ހުސްކޮށްލާ ވިސްނުން ގެންގުޅޭ ނަމަ، ހުރިހާ ސައިކަލަކާއި، ކާރެއް، ބަދަލު ދީ ނެގުމަށް ފަހު ހިލޭ ދަތުރު ކުރެވޭ ގޮތަށް ބަގީ ތަކެއް ގެނެސްދޭށެވެ. ކައިރި ކައިރިގާއި ދަތުރުތައް ހަމަޖެއްސޭ ގޮތަށް ހަދައިދޭށެވެ.