އޯޓިޒަމް ހުންނަ ދަރިފުޅުގެ ފަރުވާއަށް ދިވެހި މަންމައިންނާ ބެލެނިވެރިން ކިޑްނީ ވިއްކަން ވެސް ތައްޔާރުކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ބައެއް ބެލެނިިވެރިން ހިންގާ މި ކެމްޕޭންގައި އެކި ބެލިނިވެރިން ދަނީ އެމީހުންގެ ދަރިންގެ ފަރުވާއަށް ދާ ބޮޑެތި ހަރަދުތައް ފޫބެއްދުމަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ތިބިކަމަށް ބުނަމުންނެވެ. އަދި މިއީ އަޅާނުލެވި އޮތް ކަމެއްކަމަށް ބުނެ މިކަން ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމަށް ބޭނުން ވާކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޫމެންޓެއްގެ ގޮތަށް ކުރިއަށްގެންދާ މި ކެމްޕޭންގައި ބެލެނިވެރިން ބުނެފައިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށްފަހު، ކިޑްނީ ބޭނުންވާ ފަރާތަކަށް ކިޑްނީއެއް ވިއްކުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނެފައިވަނީ ދަރިފުޅު އޯޓިޒަމްއަށް ޑައިގްނޯޒް ކުރިތާ 3 އަހަރު ވެފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަރުވާ ބޭނުންވާ ކަމަށެވެ. އަދި ދަރިފުޅަށްޓަކައި، ކައިރީގައި ހުރުމަށް ވަޒީފާ ދޫކޮށްލާފައިވާ އިރު، ވަޒީފާ އަކަށް ނުގޮސް މިދިޔަ ދެ އަހަރު ދުވަސް ހޭދަކޮށް ކެއުމުގެ ކަންކަން ހަމަޖައްސަމުން ގެން ގޮސްފައި ވަނީ ރައްކާކޮށްފައި ހުރި ފައިސާއިން ކަމަށެވެ.

https://www.facebook.com/shauhilmy/posts/1320616921448444

އެކި ޕޯސްޓްތައް ކުރަމުން އަންނަ ބެލިނިވެރިންގެ ހުރީ އެކި ޝަކުވާތަކެވެ. އެފަދަ ކުއްޖެއް ކައިރީގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި، އަޅާލުމާއި ލޯބި އެހެން އާދައިގެ ކުއްޖަކަށް ދޭން ޖެހޭ ވަރަށް ވުރެ ބޮޑަށް ދޭން ޖެހުމުން، ބިޒިނަސް މެނޭޖްމަންޓުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ނަގާ، ރަނގަޅު ވަޒީފާއަކަށް ދެވެން އޮތް ނަމަވެސް، އެކަން ކުރެވެން ނެތްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުުން ވަޒީފާ ދޫކޮށްލަން މަޖުބޫރުވުމުން، އެއްޗެއް ލިބިފައިވަނީ ޓިއުޝަނާއި އެހެން ކުދިކުދި މަސައްކަތް ކޮށްގެން ކަމަށް ބުނެފައިވާ އިރު، މިވަގުތަށް އެންމެ މުހިންމީ ވަޒީފާއަކަށް ވުރެ ދަރިފުޅުކަމަށް ބުނެފައިވެއެވެ.

"އެފަދަ ކުދިންނަށް ދޭ ތެރެޕީއަކީ ހަރަދުބޮޑު ތެރަޕީއެއް. އަދި މާލޭގައި އުޅެމުން މިފަދަ ތެރަޕީއެއް ހޯދާ އެކުދިން ރަނގަޅުކުރުމަކީ ވަރަށް ހަރަދުބޮޑު ކަމެއް. އެކުދިން އެކުދިންގެ ގޮތުގައި ބަލައިގަންނަން އެއްވެސް ބަޔަކު ބޭނުން ނުވެ. އަދި މިކަންކަން ހިއްސާކުރުމަކީ ވެސް އުނދަގޫކަމެއް. އަޅުގަނޑުގެ ނެތް މިކަމަށް އެހީވާނެ އިތުރުގޮތެއް،"
ކެމްޕޭންގައި ބައިވެރިވި ބެލެނިވެރިއެއް

މި ކެޕްމޭންގައި ރަށްރަށުގައި ތިބި ބެލެނިވެރިން ވެސް އަންނަނީ އެފްބީގައި ޕޯސްޓް ޖަހައިގެން ބައިވެރިވަމުންނެވެ.

"މިވަގުތަށް އެންމެ މުހިންމީ ދަރިފުޅު. ތެރަޕީއަކީ ހަރަދުބޮޑު ކަމެއް. ކުޅުދުއްފުށީގައި މިކަން ކުރެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. އެކުދިން އެކުދިންގެ ގޮތުގައި ބަލައެއް ނުގަނޭ"
ކުޅުދުއްފުށިން ކެމްޕޭންގައި ބައިވެރިވި މީހެއް

ބައެއް ފަރާތްތަކުން ވަނީ ބެލެނިވެރިން ކަޕްކޭޕް ކަހަލަ އެއްޗެހި ވިއްކައިގެން ފަންޑު ހޯދި ނަމަވެސް، އެންމެންގެ އެހިތްވަރު ނެތްކަމަށް ބުނެފައެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިސްޓަރުންނާއި އަދި މި ވާހަކަ ދެއްކޭނެ ހުރިހާ ފަރާތަކާ ވާހަކަ ދެއްކި ކަމަށް ބުނެފައިވެއެވެ. ނަަމަވެސް ކިތައްމެ ވަރަކަށް ވާހަކަ ދެކެވުނަސް އެއްވެސް ކަހަލަ ނަތީޖާއެއް ނުފެންނަ ކަމަށް ބުނެފައިވެއެވެ.

އަދި ހަޔާތުގައި މިހާރު އާދެވިފައި ހުރި ހިސާބުން ގަބޫލު ކުރެވެނީ ދަރިފުޅަށްޓަކައި އެއް ކިޑްނީ ނުލާ ވެސް އުޅެވިދާނެ ކަމަށެވެ. އަދި ލިބޭ ފައިސާ އަހަރުތަކަށް ހޭދަކުރެވި ދަރިފުޅަކީ އާދައިގެ ކުއްޖަކަށް ހެދުމަށް ތެރަޕީ ދެވިދާނެކަމަށް ބުނެފައިވެއެވެ.

ނަން ނުޖަހާ ގޮތަށް "ދަ ޕްރެސް" އާ ވާހަކަދެއްކި ބައެއް ބެލެނިވެރިން ވަނީ އެފަދަ ކުދިންގެ ތެރަޕީ އަގު ބޮޑުވެފައި އެކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ބުނެފައެވެ. އަދި މި މައްސަލައަށް މިހާތަނަށް އެކަށިގެންވާ ހައްލެއް ލިބިފައި ނުވާ އިރު، ކަމާބެހޭ ފަރާތްތަކުން ވެސް މިކަމުގައި ފަރުވާ ކުޑަކުރާކަމަށް ބުނެފައި ވެއެވެ. ނަމަވެސް ދަރިފުޅަށްޓަކައި ކިޑްނީ ވިއްކާލަން ޖެހުނަސް އެކަން ކުރާނެކަމަށް ބެލެނިވެރިން ބުނެއެވެ.

މި ޕޯސްޓް ވީހާވެސް ގިނަބަޔަކު ޝެއާކޮށް، ކިޑްނީއެއް ބޭނުންވެފައިިވާ މީހަކު ހޯދައި ދިނުމުގައި އެހީތެރިވެ ދިނުމަށް އެދިފައިވާ އިރު، މި ކެޕްމޭނަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ކެމްޕޭބަކީ އެފަދަ ބެލެނިވެރިންގެ އަޑު ކަމާބެހޭ ފަރާތްތަކަށް ހަމައަށް ގެންގޮސް، އެފަދަ ކުދިންނަށް ބޭނުންވާ ފަރުވާ ފަސޭހަގޮތެއްގައި ހޯދައި ދިނުމެވެ.