ޖައްމުއާއި ކަޝްމީރަށް ދީފައިވާ ވަކި ސްޓޭޓެއްގެ ދަރަޖައިން ޔޫނިއަން ޓެރިޓަރީއަކަށް ޑައުންގްރޭޑްކޮށް، ގާނޫނުން އެސްޓޭޓަށް ލިބިދީފައިވި ގިނަ އިމްތިޔާޒުތަކަކާ ބާރުތައް ނިގުޅައި ގަންނަ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ "ޖައްމު އެންޑް ކަޝްމީރު ރީ އޯގަނައިޒޭޝަން ބިލް"، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ހުށަހަޅާ، ބަހުސް ކުރަމުން އެބަދެއެވެ.

މަޖިލީހުގެ ތަޅުމަށް މި ބިލް ހުށަހަޅުއްވާފައިވަނީ އިންޑިއާގެ އާންމު އިންތިހާބުގެ ކެމްޕޭންތަކުގައި ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަޑައިގަތުމަށްފަހު ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދެވަނަ ދައުރުގެ ސަރުކާރުގައި ދާހިލީ ވަޒީރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަމީތު ޝާހުއެވެ.

އަމީތު ޝާހު މިބިލް ހުށަހަޅުއްވާފައިވާއިރު، ބޮޑުވަޒީރަށް ލިބިވަޑައިގެންވާ ބާރުތަކުގެ ތެރެއިން، ޖައްމުއާއި ކަޝްމީރު ސްޓޭޓަށް މިނިވަންކަން ލިބިދޭ މާއްދާ 370 ވަނީ އުވާލައްވާފައެވެ. ޖައްމުއާއި ކަޝްމީރު ސްޓޭޓް ބައިކޮށް، ވަކި އިދާރީ ދާއިރާތަކަކަށް ބައިކުރެވިގެންދާއިރު މި ސަރަހައްދުން 3 ދާއިރާއެއް އުފެދިގެންދާނެއެވެ. އެއީ މުސްލިމު މެޖޯރިޓީ އޮންނަ ކަޝްމީރު، ހިންދޫ މެޖޯރިޓީ އޮންނަ ޖައްމު އަދި ބުދިސްޓު ބާރު އޮންނަ ލަދަކްގެ އިދާރީ ދާއިރާއެވެ.

ބީޖޭޕީގެ މި ނިންމުމަށް އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީއިން ދަނީ ދެކޮޅު ހަދަމުންނެވެ. މިއީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކޮންގްރެސްގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ކަމަށް މޯދީއާއި އެންމެ ގާތުން ވާދަކުރެއްވި ރާހުލް ގާންދީ ވަނީ ސިފަކުރައްވާފައެވެ.

ޖައްމު އާއި ކަޝްމީރުގެ މައްސަލަ ހޫނުވެ، ޒަމާންވީ ހަތުރުންގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު އިތުރަށް ނުތަނަވަސްވަމުންދާއިރު ދެގައުމުންވެސް ސުލްހައާއި ހަމަޖެހުން އިސްކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ގޮވާލަމުންނެވެ.

މިމައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ޕާކިސްތާނުން ތައްޔާރުވަމުންދާއިރު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން މިއަދުގެ ވަގުތެއްގައި މިކަމާ ބެހޭ ގޮތުން ހާއްސަ މަޝްވަރާތަކެއް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ބެހޭ ގޮތުން ދިވެހި ރާއްޖޭގެ ބަހެއް ހޯދާލުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާއާއި ގުޅުލުމުން އެ ވުޒާރާގެ މީޑިއާ ޑައިރެކްޓާ މިއުވާން މުޙައްމަދު ވިދާޅުވީ، މިމައްސަލައާއި ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓީޖިސްޓް އިބްރާހީމް ހޫދު ވެސް ވިދާޅުވީ މިމައްސަލާގައި އަދި ވަކި އެއްޗެއް ވިދާޅުވުމަށް ދަންނަވާފައި ނުވާކަމަށެވެ.