ނިމިގެންދިޔަ ފަސް އަހަރަކީ ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރަން އެންމެ ބޮޑަށް ހުރަސްއެޅުނު ފަސް އަހަރުކަމަށް ދެކެވުނު ވާހަކަތަކުގެ ހޫނުކަން އަދިވެސް ނުކެނޑެއެވެ. އަދި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް އެންމެ ބޮޑަށް ހުރަސް އެޅީ ފުލުހުން ކަމަށް ގިނަ ނޫސްވެރިން އެއިރު ބުނަމުން ދިޔަ ނަމަވެސް އެހާލަތު އަދިވެސް ބަދަލު ނުވާކަން ދޭތެރެ ދޭތެރެއިން ހާމަވެއެވެ.
ގައުމެއްގައި ހިނގާ އެންމެ މުހިންމު ކަންކަން ކަވަރު ކުރުމުގައި ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސް އެޅުމަކީ އެކަންކަން ރައްޔިތުންނަށް ފޮރުވައިގެން ކުރަން އުޅުމެވެ. މިއަދުވެސް މި ފެންނަނީ ހަމަ އެ މަންޒަރޭ ބުނާ ހިސާބަށް ކަންކަން ދާތަން އެބަ ފެނެއެވެ.
ކުރީ ސަރުކާރުގައި ފުލުހުންގެ އަމަލު ހުރި ގޮތުންނާއި، ސަރުކާރުން ކަންކަން ކުރި ގޮތުން ރައްޔިތުން ތިބީ އެ މީހުންނަށް ކުރާ އިތުބާރު ކުޑަވެފައެވެ. މިއަދު އެ މަންޒަރު އަލުން ތަކުރާރުވާތަން ފެންނަމުން ދާ އިރު، ބޮޑެތި ކަންކަމުގައި ނޫސްވެރިންނަށް އެ ކަމެއް ކަވަރު ކުރުމުގެ ފުރުސަތު ނުދީ ފަހަތަށް ޖައްސާ ނުވަތަ ހުރަސް އަޅާ މަންޒަރު ފެނުން އާންމު ކަމަކަށް ވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކޯޓަށް ގެންދިޔަ ވަގުތު އެތަނުގައި ފޮޓޯ އަދި ވޯޑިއޯ ނަގަން ތިބި ނޫސްވެރިންނަށް އަނެއްކާ ވެސް ފުލުހުން ހުރަސް އެޅި މަންޒަރު ފެނުނެވެ. ނޫސްވެރިން ތިބީ ސުޕްރީމް ކޯޓުގެ ގޭޓާ ގާތްގަޑަކަށް 20 ވަރަކަށް ފޫޓު ދުރުގައި އެމީހުންގެ ޒިންމާ އަދާކުރާށެވެ. ނަަމަވެސް އެކަން ކުރެވޭނެ ގޮތް ނުވެ، އެންމެ ފަހުން ނޫސްވެރިންނަށް ނެގުނީ ފުލުހުން ހުރަސް އަޅާ މަންޒަރުގެ ފޮޓޯއެވެ.
"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް ނޫސްވެރިންނާ ފޮޓޯގްރާފަރުން ބުނީ، ސުޕްރީމް ކޯޓު ކައިރީގައި އެމީހުންގެ މަސައްކަތް ކުރަމުން ދަނިކޮށް ދެތިން ފުލުހަކު އައިސް އެމީހުން ފަހަތައް ޖެއްސި ކަމަށެވެ. އަދި ޒިންމާ އަދާކުރަމުން ދިޔައީ އެއްވެސް ބައެއްގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް ނޫން ކަމަށެވެ.
ބައެއް ނޫސްވެރިން އެކަން ސިފަކުރީ ކުރީ ސަރުކާރުން އެކިއެކި މައްސަލަތަކުގައި ސިޔާސީ އިސްވެރިން ކޯޓަށް ހާޒިރުކުރެވޭ އިރު، ފުލުހުން އައިސް ވިއު ގެއްލުވާލައި ފޮޓޯ ވީޑިއޯ ނަގަން ހުރަސް އަޅާ ފަހަތަށް ޖައްސާ އެތަން ނުފެންނަ ގޮތަކަށް ގޯޅިއަށް ވެއްދި ދުވަސްތަކެވެ.
މި ސަރުކާރު ވެރިކަމަށް އައީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރެވޭނެ ގޮތަށް މަގު ފަހުކޮށްދޭން ވީ ވައުދާ އެކީގައެވެ. ނޫސްވެރިންނަށް ގައުމުގައި ހިނގާ ބޮޑެތި ކަންކަން ކަވަރުކޮށް ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ވެސް ވާނެކަމުގެ ވައުދާ އެކުގައެވެ. ސަރުކާރު ބަދަލުވެއްޖެއެވެ. ފުލުހުންގެ އިސްވެރިން ވެސް ބަދަލުވެއްޖެއެވެ. ނަމަވެސް ފުލުހުން ނޫސްވެރިންނަށް ހުރަސް އެޅުމުގެ ސަގާފަތެއް ބަދަލެއް ނުވިއެވެ.