އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ބިރު ދައްކަވައި ފްރޭމްކުރައްވައި ޖަލަށްލައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް ލުތުފީ ތުހުމަތު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތީ 75 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާނަކީ ވެރިކަން ވައްޓާލެއްވުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ. ހޯމް މިނިސްޓަރުގެ އެ އަމަލަކީ ސަރުކާރުގެ ސިޔާސަތުތަކާ ހިލާފު އަމަލުތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އެ ކަމަކީ ހިނގާފައިވާ ކަމެއް ކަމަށް ވާނަމަ އެކަން ސަމާލުކަމަށް ގެންނަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ސަމާލު ކަމަށްވެސް އެކަން ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ލުތުފީއަކީ ހަތަރު މިލިއަން ދޭ ފްލެޓެއް ހަތްލައްކަ ރުފިޔާއަށް ދެއްކުނު ދުވަހަކުން ދައްކަވާ ގޮތަށް ދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. މި ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ ހުރިހާ ވައްކަމެއްގައި ލުތުފީ ބައިވެރިވެވަޑައިގެން ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވަނީ މިއަހަރުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުވެސް ލުތުފީ ފޮރުއްވައިގެން އުޅުއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ހޯމް މިނިސްޓަރު އިމްރާން ލުތުފީއަށް ބިރު ދެއްކެވި ކަމަށް ވިދާޅުވުމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހަކު ފްރޭމްކުރައްވައި ބިރުދައްކަވައި މިންވަރަށް އޭނާ ގަމާރު ވެވަޑައިގެންފި ކަމަށް ދިވެހިި ރައްޔިތުން ގަބޫލު ކޮށްފާނެ ކަމަށް ބަޔަކު ހީކުރާތީ އަންތަރީސް ވެވަޑައިގެންފައިވާ ކަމަށެވެ.
ޓީވީތަކުން ތިމާ ހެދި ދޮގުތައް ތާއަބަދު ދައްކަމުން ފެންނަމުން ދާއިރު ދޮގު ހަދާމީހަކު ނުފެންނަ ފަށުގައި ދޮގު ހަދާނެ ކަމީ ޝައްކެއް ވާ ކަމެއް ނޫން.