ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ތަންފީޒު ކުރައްވަމުން ގެންދިޔަ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ބަންދު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އެދިފައެއް ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޅ.މާބިންހުރާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިިނަލް ކޯޓުން ކޮށްފައިވާ ހުކުމް، ހައި ކޯޓުން ބާތިލް ކޮށް، ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ ތެރެއިން ގޮތް ކަނޑައެޅުމަށް ކްރިިމިނަލް ކޯޓަށް ތަހްވީލު ކުރުމަށްޓަކައި ހައިކޯޓުގެ ހުކުމް އިލްތިމާސް ކޮށްދިނުމަށް ޕީޖީ އެދިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އަދީބު ބަންދުކޮށްދިނުމުގެ ނުވަތަ ޕާސްޕޯޓް ހިފަހައްޓާ ދިނުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ އެދިފައިވާ ކަމަށާއި، މި މައްސަލަ ހުށަހެޅި އިރު އަދީބުވީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އެ ކޯޓުން ބުނީ، ބަންދުގައި ހުރި މީހަކު އިތުރަށް ބަންދުކުރުމަކީ އެ ކޯޓަށް އެއްވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި ނުފެންނާތީ، އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ އަދީބު ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާކަން ޕީޖީގެ ފަރާތުން އެ ކޯޓަށް އަންގާފައިވާ ނުވާ ކަމަށެވެ. އަދި އަދީބު މިނިވަންވީ ފަހުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލަ ބެލުމަށް އިތުރަށް ބަންދުކޮށް ދިނުމަށް ޕީޖީން އެދިފައި ނުވާ ކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.
ސުޕްރީމް ކޯޓުން ބުނީ، އޮންލައިން ނޫސް "މިހާރު" ގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާ ހަވާލާދީ "އަދީބު ފިލި އިރުވެސް ބަންދުގެ އަމުރެއް ސުޕްރީމް ކޯޓުން ނުނެރެދިން!" ގެ ނަމުގައި ޝާއިއުކޮށްފައިވާ ލިޔުމަކީ ހަގީގަތާއި ހިލާފު ލިޔުމެއް ކަަމަށެވެ.