ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ޝެޑިއުލްގައިވާ ގޮތުގައި މާދަމާ ހެނދުނު 10:15 އަށް ތާވަލު ކޮށްފައި ވަނީ، އަދީބުގެ މައްޗަށް އިސްތިއުނާފު ކޮށްފައިވާ ހިޔާނާތްތެރިވުމުގެ މައްސަލައިގެ އަޑުހެމެކެވެ.

އެގޮތުން އަދީބު ވަނީ، ޅ. މާބިންހުރާ، ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުން އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަމުރު ކުރީ، އެ މައްސަލަ އަލުން ބެލުމަށެވެ.

ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނެވި މައްސަލައިގައި ފުލުހުން ވަނީ މިއަދ ހެނދުނު އަދީބު ހައްޔަރު ކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ. އަދީބު ހައްޔަރު ކޮށްގެން ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލި މަގުމަތީގައި، ފުލުހުން އޭނާ ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ކަމަށް ބުނެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.

މިއަދު އަދީބު ހައްޔަރު ކުރި އިރު، ޕާސްޕޯޓު ނެތި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގެ އިތުރުން ޖިނާއީ ކުށަކަށް އިއުތިރާފުވެ، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ މައްސަލައެއް ވެސް އޭނާގެ މައްޗަށް އެބައޮތެވެ.