ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލި މައްސަލައިގައި، ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އަދީބުގެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިީ، އަދީބު ފިއްލަވައިގެން އުޅުއްވަނިކޮށް ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް ދިވެހި ރާއްޖޭގެ ޖިނާއީ ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ލަބީބު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބަށް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ރާއްޖޭގައި ހިނގައި ދިޔަ ބޮޑެތި ޖިނާއީ ކުށްތަކުގައި ވެސް އަދީބަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނިވަޑައިގަންނަވާތޯ، ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެން ބަހުސް ކުރުމަށް ވަނީ ފާސްކޮށްފައެވެ.
ޓަގު ބޯޓުގައި ފިއްލަވައިގެން ވަޑައިގަތުމުން އަދީބު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ބަންދުގައި ބަހައްޓަން އަމުރު ނެރެއެއް ނުދިނެވެ. ނަމަވެސް ގ. ހުމަށި ގައި ހުންނަވަނިކޮށް ރޭ ފަތިހު 5:30 ގައި ކޯޓު އަމުރެއްގެ ދަށުން، އަލުން އަދީބު ހައްޔަރުކޮށް ފުލުހުން ވަނީ ދޫނިދު އަށް ގެންގޮސްފައެވެ.