އީދު ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގެ އެޖެންޑާގައި ހުރި ކަންކަން ވީހާވެސް ބޮޑަށް ނިންމުމުގެ މަގްސަދުގައި، ކުރިއަށް އޮތް ތިން ރޭ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ އެޖެންޑާގައި ނުނިމި ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަދި މިއަދުގެ އެޖެންޑާގައި ވެސް ގިނަ އިބްތިދާއީ ބަހުސްތަކާއި، ކޮމިޓީ އިން ނިންމާފައި ހުރި މައްސަލަތައް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަހަށް ފަހު އީދަށް މަޖިލިސް ބަންދު ވާނެތީ، އޭގެ ކުރިން އެޖެންޑާ ވީހާވެސް ތޮއްޖެހުން ކުޑަވާނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދަވަން ނިންމަވާފައި ވާކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިރޭ 9:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަވާނެ ކަމަށާއި، މަސައްކަތްތައް ކުރިއަށްދާ މިންވަރަށް ބަލައި، ކުރިއަށް މި އޮތް ތިން ރޭ ވެސް މަޖިލީހުގެ ޖަލްސާ ބާއްވަވާނެ ކަން ރިޔާސަތުން ވަނީ ހާމަކުރައްވާފައެވެ.

އަޅުގަނޑު ގަސްތު ކުރަނީ މިރޭ 9 ޖަހާއިރު، ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން. އަދި ކުރިއަށް މި އޮތް އަނެއް ތިން ރޭ އަޅުގަނޑުމެންނަށް އެޖެންޑާ ނުނިންމޭ ކަމަށް ވަނީވިއްޔާ އެ ތިން ރޭ ވެސް އަޅުގަނޑޫމެން މަޖިލީހުގެ ބައްދަލުވުން ބާއްވަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފަސް އިބްތިދާއީ ބަހުސަކާއި، ކޮމިޓީތަކުން ފޮނުވާފައިވާ އަށް ރިޕޯޓަކަށް ގޮތް ނިންމަން ތާވަލު ކޮށްފައެވެ.