ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވުމުމުން މެންބަރުންގެ ފާޑުކިއުން ޕޮލިސް އިންޓްލިޖެންސަށާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް އަމާޒު ވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އުޅުއްވަނިކޮށް ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް ދިވެހި ރާއްޖޭގެ ޖިނާއީ ކޯޓަށް ގެނައުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލުމަކީ މަޖިލީހުން ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި، ކުއްލި މައްސަލައަށް ބަހުން ކުރައްވަމުން މެންބަރުން ވަނީ މިކަމަކީ ޕޮލިސް އިންޓްލިޖެންސް އަދި ހޯމް މިނިސްޓަރުގެ ފެއިލިއާ އެއްކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން، ރަށު ބަންދުގައި ހުންނަވަނިކޮށް އެހާ ފަސޭހައިން އަދީބު ފިއްލެވި އިރު، ހޯމް މިނިސްޓަރާއި ފުލުހުންގެ އިންޓަލިޖެންސް ޑިޕާޓްމަންޓު ކޮބައިތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވިއެވެ. ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވަނީ މިހިނދުން މިހިނދަށް ހޯމް މިނިސްޓަރާއި ފުލުހުންގެ މުއައްސަސާގައި ތިއްބެވި ބޮޑެތި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ކ) އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ) / ފައިލް ފޮޓޯ

ޝިޔާމް ވިދާޅުވީ އަދީބު ފިއްލެވި މައްސަލައިގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމަށާއި އެގޮތުން ހަމަ ހަގީގަތުގައި ވެސް އަދީބު ފިއްލެވީތޯ ނުވަތަ ބަޔަކު އަދީބު ފިލުވީތޯ ހިތްޕުޅަށް އަރާ ކަމަށެވެ. އަދި އަދީބު ފިއްލެވި ކަމުގައި ވިޔަސް އަދި ފިލުވި ކަމުގައި ވިޔަސް، ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއް މިއޮތީ މީގައި ދިމާވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުން ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މީގެ ކުރިންވެސް މި މަޖިލީހަށް އަދީބާ ގުޅޭ ކުއްލި މައްސަލައެއް ހުށަހެޅީ، އޭނާ ފިއްލަވާނެ ކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނެވުމުގެ ބޭނުމުގައި ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، މިއަދު ފެނިގެން ދިޔައީ އަދީބަށް ލިބުނު ހަނި ފުރުސަތެއްގެ ތެރެއިން، ރާއްޖޭގެ ހުރިހާ އިދާރާތަކެއް ބަލަބަލާ ތިއްބާ ފިއްލަވައިގެން ވަޑައިގެންނެވި މަންޒަރާއި ހަނިފުރުސަތެއްގެ ތެރެއިން އަނެއްކާވެސް އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެވުނު މަންޒަރު ކަމަށް މީކާއިލް ވިދާޅުވިއެވެ.

ނޫސްތަކުގެ ހެޑްލައިނަށް އެބައަރާ އަހްމަދު އަދީބުގެ މަންޒިލަކީ އިނގިރޭސިވިލާތޭ، އޭނާ ރޭވުން ރޭވީ އިންޑިއާގައޭ. އަޅުގަނޑުމެންނަށް މިއަދު މުހިންމީ އޭނާ ދާ މަންޒިލެއް ނޫން. އަޅުގަނޑުމެންނަށް މުހިންމީ އޭނާ އެހިސާބަށް ދެވުނީ ކިހިނެތްތޯ.
މީކާއިލް

ނޫސްތަކުގެ ސުރުހީތަކަށް އަލިއަޅުއްވާ ލައްވަމުން މީކާއިލް ވިދާޅުވީ، އަދީބު ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވި މަންޒިލް މުހިންމު ނޫން ކަމަށާއި ހިތްޕުޅުގައި އުފެދޭ މުހިންމު ސުވާލަކީ، ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި އިދާރާތަކާ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ ކަންކަން ސަމާލުކަމަށް ގެނެސްގެން ތިއްބާ، އެހިސާބަށް ދެވުނު ގޮތެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ، އަދީބު ފިއްލަވައިގެން ވަޑައިގަތުމުގައި ޕޮލިސް އިންޓެލިޖެންސްގެ ފެއިލިއާ ވާކަން ވަރަށް ސާފު ކަމަށެވެ. އަދި މި ވާހަކައަކީ ނުދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި، މިކަހަލަ ވާހަކަ މަޖިލީހުގައި ނުދެއްކޭ ނަމަ ދެން ފެންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަނެއްގައި ފިއްލަވައިގެން ހުންނަވާ މަންޒަރު ކަމަށް މީކާއިލް ފާހަގަ ކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، އަދީބަކީ އާދައިގެ ބޭފުޅެއް ނޫން ކަމަށެވެ. އަދީބަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މުޖުރިމުގެ ގޮތުގައި ސިފަ ކުރައްވަމުން މީކާއިލް ވިދާޅުވީ އެއީ ސިވިލް ސާވަންޓުންގެ ތެރެއިން އެތަކެއް ބަޔަކު އެތަނެއްގައި މަސައްކަތް ކުރަމުން ދާ ވެލާނާ ބިލްޑިން ގޮއްވާލައި އަދި މޭޑޭ ގައި ވެސް ބޮން ގޮއްވަން އުޅުއްވި ބޭފުޅެއް ކަމަށެެވެ.