"ކަނޑުފަޅު ނަފާ" ގެ ނަމުގައި މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމު ކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަންޖެހޭ ރަހުނު އުނި ކުރުމަށްފަހު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، އެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން ލޯނަށް އެދި ހުށަހެޅުމަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެ ލޯނުން ޖުމަލް ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް ރުފިޔާކަމަށް އެ މިނިސްޓްރީން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ 12:00 ގެ ނިޔަލަށްކަމަށެވެ.

މަސްވެރިންނަށް މިފަދަ ލޯނެއް ދޫކުރުމުގެ ބޭނުމަކީ، އައިސް ޕްލާންޓުތަކުން މަސްވެރިން ބޭނުންވާ ވަރަަށް އައިސް ނުލިބުމުގެ ސަބަބުން، އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމެވެ.

މިލޯން ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ލޯންތައް އަމާޒުކުރެވޭނީ، މަސްދޯނިފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ލޮނު ފެނުން މަސްފިނުކުރާ ނިޒާމް ގާއިމުކުރުމަށް ލޯނު ދޫކުރެވޭނީ ފައިބާ ދޯނި ފަހަރު ތަކަށް އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަސްފިނިކުރި ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ލޯން ދޫކުރުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 6 އިންސައްތަ އެވެ. އަދި ލޯން އަދާކުރުމަށް 6 މަސް ދުވަހުގެ ގްރޭސް މުއްދަތެއް ހިމެނޭނެހެން، ފަސް އަހަރުގެ މުއްދަތެއް ދެވޭނެކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގެި ބުނެފައި ވެއެވެ.