ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ރާއްޖެ ނުގެނެވޭ ކަމަށް ފުލުހުން ބުނެފިއެވެ. އަދީބު މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދިނުމާ ދުރުގައި އުޅޭ ފުލުހުން މިހެން ބުނީ އަދީބު ދޫނިދޫގައ ހައްޔަރު ކޮށްފައި އެބަހުއްޓޭ ބުނެ ބައެއް ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ފުލުހުން މިހެން ބުނެފައި ވާއިރު، ބައެއް މީޑިއާ ތަކުން ވަނީ އެމީހުނަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅުއްވަނިކޮށް ހައްޔަރު ކުރި އަދީބު، ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ކަނޑު މަގުން ރާއްޖެ ގެނެސް ދޫނިދޫ ޖަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓަގު ބޯޓެއްގައި ދަތުރުކުރައްވައި ގަވައިދާ ހިލާފަށް އިންޑިޔާއަށް އެތެރެވާން އުޅުއްވަނިކޮށް އަދީބު ހިފެހެއްޓުމުން އެމަނިކުފާނު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައެވެ. އަދީބު ބައިނަލްއަގްވާމީ ވަކީލުންގެ ޓީމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަވައިފި ނަމަ އެމަނިކުފާނު ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ ސިޔާސީ ހިމާޔަތް ދެވެން ނެތް ކަމަށް ބުނެފައެވެ.