ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ ގެނެސް، މިހާރު ހުންނެވީ ދޫނިދޫގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބައެއް މީޑިއާ ތަކުން ބުނެފައިވަނީ އެމީހުނަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅުއްވަނިކޮށް ހައްޔަރު ކުރި އަދީބު، ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ކަނޑު މަގުން ރާއްޖެ ގެނެސް ދޫނިދޫ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ މައްސަލައިގައި ފުލުހުން އިސްވެ ހާމަކުރުމަށް ބޭނުންވާ މައުލޫމާތުގެ އިތުރަށް އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ބޭނުންނުވާ ކަމަށެވެ. އަދީބާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަށް ފުލުހުން އިންކާރު ކޮށްފައި ވާއިރު، އިންޑިއާ އިން އަދީބު ރާއްޖެއަށް އަނބުރާ ފޮނުވާލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓަގު ބޯޓެއްގައި ދަތުރުކުރައްވައި ގަވައިދާ ހިލާފަށް އިންޑިޔާއަށް އެތެރެވާން އުޅުއްވަނިކޮށް އަދީބު ހިފެހެއްޓުމުން އެމަނިކުފާނު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައެވެ. އަދީބު ބައިނަލްއަގްވާމީ ވަކީލުންގެ ޓީމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަވައިފި ނަމަ އެމަނިކުފާނު ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ ސިޔާސީ ހިމާޔަތް ދެވެން ނެތް ކަމަށް ބުނެފައެވެ.