ޓަގު ބޯޓެއްގައި ވަޑައިގެން ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވެވަޑައިގަންނަވަން މަސައްކަތް ކުރައްވައި، އެގައުމުގެ ހިމާޔަތް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އަނބުރާ ދިވެހިރާއްޖެއަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އެންޑީޓީވީން ހާމަކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެންޑީޓީވީން އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ އަދީބު ރާއްޖެ ފޮނުވާލާފައި ވަނީ އިންޑިއާ ކޯސްޓްގާޑުން ކަމަށެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ވިއޯއިން ޓުޓިކޮރިން ފުލުހުންނާ ހަވާލާދީ، އާންމު ކޮށްފައިވާ ޚަބަރެއް ބުނާ ގޮތުގައި އަދީބު ރާއްޖެ ފޮނުވާލާފައި ވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އެތެރެވުމަށް އަދީބު ބޭނުން ކުރެއްވި "ވާގޯ 9" ނަމަކަށް ކިއާ ޓަގުބޯޓުގައެވެ.

ރަސްމީ ލިޔެކިއުމަކާ ނުލައި، ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރެއްވުމަށް ފަހު އަދީބު ވަނީ، ރާއްޖޭގައި ހުންނަވައިފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ފަރާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވާކަމަށް އެންޑީޓީވީގެ ޚަބަރުގައި ވެއެވެ.

އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އިންޑިއާއަށް އެތެރެވެވޭނެ ވަކި މަގުތަކެއް އޮންނާނެ ކަމަށާ، އެކަން ހަމަޖެހިގެން ދާނީ ސައްހަ ލިޔެކިއުންތަކާވެސް އެކުގައި ކަމަށެވެ. ނަމަވެސް އަދީބު އިންޑިއާއަށް އެތެރެ ވުމަށް މަސައްކަތް ކުރެއްވީ އެފަދަ މަގަކުން ނޫން ކަމަށާ، އެފަދަ ލިޔުމެއްވެސް ހިއްޕަވައިގެން ނޫންކަމަށްވެސް ރަވީޝް ކުމާރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިންޑިއާއަށް އެތެރެވުމުގެ ފުރުސަތު އަދީބަށް ދީފައި ނުވާ ކަމަށްވެސް ހާރިޖިއްޔާގެ އޮފިޝަލާ ހަވާލާދީ އެންޑީޓީވީން ވަނީ ރިޕޯޓް ކޮށްފައެވެ.