ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފުޓުބޯޅަ ކުޅުންތެރިޔާ ލިއޯ މެސީ، 3 މަސްދުވަހަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މައިދާނުން ސަސްޕެންޑްކޮށްފިއެވެ.

3 މަސްދުވަހުގެ ސަސްޕެންޝަނެއް މެސީއަށް އިއްވާފައި ވަނީ ކޮޕާ އެމެރިކާ "ކޮރަޕްޓް" ވެފައިވާކަމަށް ބުނެ އޭނާ އަމާޒުކުރި ފާޑުކިއުންތަކަކާ ގުޅިގެންނެވެ.

ބާސެލޯނާގެ ފޯވަޑަށް ކުޅެމުން އަންނަ، އުމުރުން 32 އަހަރުގެ މެސީ އަކީ އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންވެސްމެއެވެ. ކޮޕާ އެމެރިކާ ކަޕަކީ ބްރެޒީލްއަށް "ފިކްސްކޮށްދީފައިވާ" ކަޕެއް ކަމަށް މެސީ ބުނެފައިވާއިރު، ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑަރޭޝަން 'ކޮނމެބޯލް'އިންވަނީ، 50000 ޑޮލަރުން މެސީ ޖޫރިމަނާވެސްކޮށްފައެވެ.

މެސީގެ މައްޗަށް އިއްވާފައިވާ ސަސްޕެންޝަން އިސްތިއުނާފަށް ހުށަހެޅުމަށް އޭނާ 7 ދުވަހުގެ މުހުލަތެއް ލިބެއެވެ.

ކޮޕާ އެމެރިކާ ކަޕްގައި ބްރެޒީލްއާއި ދެކޮޅަށް ސެމީގައި ބާސާއިން ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން އާޖެންޓީނާއިންވެސް ވަނީ ޝަކުވާކޮށްފައެވެ. ނަމަވެސް ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑަރޭޝަންއިން ބުނަމުންދަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާ، އެއީ ބޭއިހުތިރާމްގެ އަމަލެއް ކަމަށެވެ.