އިންޑިއާއިން އަދީބަށް ހިމާޔަތް ނުދީ އަނބުރާ ފޮނުވާލަން ވިސްނަމުން ދާކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫ ބުނެފިއެވެ.

އެ ނޫހުން ބުނެފައި ވާ ގޮތުގައި އިންޑިއާގެ ބަނދަރަށް އަދީބު ވެންނެވީއްސުރެ އޭނާ ބަހައްޓާފައި ހުރީ ޓަގު ބޯޓުގައެވެ. އަދި އޭނާގެ ފަރާތުން ހިމާޔަތަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލަމުން ދާ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އޮފިޝަލަކާ ހަވާލާދީ އެނޫހުން ބުނީ ގަބޫލު ކުރެވޭ ގޮތުގައި އަދީބު ކަނޑުމަގުން އެ ޓަގު ބޯޓުގައުި އަނބުރާ ރާއްޖެ ފޮނުވާލާނެއެވެ.

އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ އަދީބު ރާއްޖެއަށް ފުރުވާލައިފި ކަމަށެވެ. އަދި ކަނޑުމަތިން އަދީބާ ހަވާލުވާނީ ރާއްޖޭގެ ކޯސްޓްގާޑު ކަމަށާ މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ކޯސްޓުގާޑާ އަދީބު ހަވާލު ކުރާނެ ކަމަށެވެ. އަދި އަދީބު ފުރުވާލާފައި ވަނީ އޭނާ ވަޑައިގެންނެވި ޓަގު ބޯޓުގައި ކަމަށްވެސް ބުނެފައި ވެއެވެ.

އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ ރާއްޖޭގައި މުދާ ހިފައިގެން ދުއްވާ ޓަގު ބޯޓެއްގައެވެ. މި ބޯޓު ރާއްޖެއިން ފުރި އިރު އޭގައި އަދީބު ނެތް ކަމަށާ، އޭނާ އެ ބޯޓަށް އެރުއްވީ ބޯޓު ދަތުރު ކުރަމުން ދަނިކޮށް ރާއްޖެއާ 150 ނޯޓިކަލް މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާކަމުގައި އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް ބުނެފައި ވެއެވެ.

އަދީބު އިންޑިއާއަށް ދިޔަ އިރު އޭނާގެ ވަކީލުންގެ ޓީމުން ވަނީ އޭނާއަށް ހިމާޔަތް ހޯދުމަށްޓަކައި ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. މިކަން ލޯޔަރުން ކޮށްފައި ވަނީ އަދީބު ހުންނެވި ޓަގު އިންޑިއާ ބަނދަރަށް ގާތް ކުރިތާ ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ތެރޭގައެވެ.

އަދީބު އަނބުރާ ރާއްޖެ ފޮނުވާލި ކަމެއް ނުވަތަ، އޭނާއާ އެމްއެންޑީއެފުން ހަވާލުވާ ކަމެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.