ކަޝްމީރު މައްސަލައަށް ސުލްހަ ހޯއްދަވާ ދެއްވުމުގެ ޝައުގުވެރިކަން އެބައޮތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަނެއްކާވެސް އިޝާރާތް ކުރައްވައިފިއެވެ.

ދާދިފަހުން އެމެރިކާއަށް ޒިޔާރަތްކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައިވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.

އޭގެ ފަހުން އަނެއްކާވެސް އެކަމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ، މިކަން މިހާރު އޮތީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އަތްޕުޅުގައި ކަމަށެވެ.

ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާއިން ބޭނުންވާކަމަށް ޓްރަމްޕް ވިދާޅުވާއިރު، އެމެރިކާ ހާރިޖިއްޔާގެ ރޫހު ތަފާތެވެ. އެމެރިކާ ހާރިޖިއްޔާއިން ބުނާ ގޮތުގައި ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ދޭދޭ-ގައުމުގެ މައްސަލައެކެވެ. އަދި އެކަމުގައި "އެހީތެރިކަން" ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށްވެސް ހާރިޖިއްޔާއިންވަނީ ބުނެފައެވެ.

މިހާ ހިލާފަށް ޓްރަމްޕް ތަކުރާރު ކުރައްވަމުން ގެންދަވަނީ މެދުވެރިއަކަށް ވެވަޑައިގެންނެވުމުގެ ޝައުގުވެރިކަމެވެ. މޯދީއާއި އިމްރާންއަކީވެސް އެކުގައި މަސައްކަތްޕުޅު ކުރެއްވޭނެ ދެ ބޭފުޅުން ކަމަށާ، ނަމަވެސް އެމެރިކާއިން އެކަމުގެ ތެރެއަށް ވަނުމަށް އެ ދެބޭފުޅުން އެދިވަޑައިގަންނަވަނީނަމަ އެކަންވެސް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ކަންމިހެން އޮތްއިރު، ކަޝްމީރުގެ މައްސަލާގައި އެމެރިކާގެ އެހީ ބޭނުންވެ، އެކަމުގެ ތެރެއަށް އެމެރިކާއިން ވަދެދިނުމަށް އެދިފައި ނުވާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

މިހިނގާ 2019 ވަނަ އަހަރަކީ، ޒަމާންވީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިސާބެއްގެ ކުރިމަތިލުންތަކެއްވެސް ހިންގި އަހަރެކެވެ.