ބޭރު ގައުމުތަކުން ރާއްޖެއަށް އެހީވަމުން އަންނަ ކަމަށް ސަރުކާރުން ބުނަމުން ދާއިރު ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ދޭނެ ވަރުވެސް ދައުލަތުގެ ކިބާގައި ނެތް ކަމަށް ވިދާޅުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ހަޖޫ ޖައްސަވައިފިއެވެ.

"ކޮބާ ނުވިއެއްނު" މި ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ބޭރުގެ އެހީ ލިބޭވަރުން "އޮބިނޯވެގެން" ސަރުކާރުން އުޅެމުން އަންނަ ކަމަށެވެ.

"ބޭރުގެ އެހީ މިތަނަށް ލިބޭ ވަރުން އޮބި ނޯވޭ. އޮބި ނޯވެ ބޭރުގެ އެހީ އޮހޭވަރުން. ބޭރުގެ އެހީ ލިބޭ ވަރުން އޮބި ނޯންނަ އިރުވެސް އަޅުގަނޑުމެން މިއުޅެނީ މުސާރަ ދޭނެ ލާރިކޮޅުވެސް ނެތިގެން. ބޮޑު އަގުގައި އަވަށްޓެރި ގައުމަކަށް ޓީބިލު ވިއްކައިގެން އަޅުގަނޑުމެން މިއުޅެނީ. އެކަމަކު އެއް ބޭފުޅެއްގެ ދަތުރާއި ހުރެ މިއުޅެނީ ބޭރުގެ އެހީ އޮބި ނޯވެގެން،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަތުރުތަކުން ރާއްޖެއަށް އެހީ ލިބޭކަމަށް ދައްކަވާ ވާހަކައަށް ހަޖޫޖައްސަވަމުން ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވެފައިވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިގްތިސާދުގެ ދުވެލި މިނާ އެންމެ ވަރުގަދަ މިންގަނޑަކީ އިމާރާތް ކުރުމުގެ އިންޑަސްޓްރީއަށް އަންނާނެ ބަދަލު ކަމަށެވެ. އެކަން އެގޮތަށް ވަނީ ބޭރުގެ އެއްވެސް އާ އިންވެސްޓުމަންޓެއް ނާންނާތީ ކަމަށާއި އަދި ސަރުކާރުންވެސް އެއްވެސް ވަރަކަށް އިމާރާތް ކުރުމުގެ ތެރެއަށް ނުވަންނާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިސަރުކާރަށް އަހަރެއް ވާން ކައިރި ވާއިރު އަދި އެއްވެސް ޕްލޭނެއް ނެތް ކަމަށާ ފަސް އަހަރު ތެރޭގައި ވެސް ޕްލޭނެއް ނުފެންނާނެ ކަމަށެވެ. ޔާމީންގެ ވާހަކަފުޅުގައި ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ސިޔާސީ ކުރުމުން އެކަމަށްވެސް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.