އިންޑިއާއިން އަދީބު އަނބުރާ ރާއްޖެ ފޮނުވާ ނުލެވޭނެ ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ބައިނއަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އޭނާގެ ބައިނަލްއަގްވާމީ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަދީބު އިންޑިއާއަށް ވަގަށް އެތެރެވެފައިވާ ކަމަށާއި އަދި އޭނާ ހުރީ އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްބުނެ މީޑިއާތަކުގައި ދައުރުވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނީ މި މައްސަލައިގެ ސަބަބުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިފައިވާ ކަމަށެވެ.

އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އަދީބު ރާއްޖޭގައި ބަހައްޓައިގެން މިހާރުގެ ސަރުކާރުން އޭނާގެ ބޭނުން ސިޔާސީ ގޮތުން ހިފަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަފާތު އެކި ގޮތް ގޮތަށް "ބިރު" ދައްކައިގެން އޭނާ ލައްވާ އެކިއެކި ބަޔާންތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

އަދީބުގެ ވަކީލުން ބުނެފައިވަނީ އޭނާ މިނިވަން ވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް އޭނާ ހުރީ ގޭ ބަންދުގައި ކަމަށެވެ. އަދީބަށް ރާއްޖެއިން ބޭރަށް ހަމައެކަނި ވަޑައިގެންމެވޭނީ ބޭސްފަރުވާއަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ އެއްބަސްވުމެއްގައިވެސް ގަދަކަމުން އޭނާ ލައްވާ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ސޮއިކުރުވާފައިވާ ކަމަށް ވެސް އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ސަރުކާރާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން އަދީބު ލައްވާ ޝަރުއީ މަރުހަލާގައި ހުރި ތަފާތު އެކި މައްސަލަތަކުގެ ބަޔާން ގަދަ ކަމުން ނަގާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދީބާއި އޭނާގެ އާއިލާ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސަރުކާރުން އަދީބުގެ އެކި ހައްގުތަކަށް އަރައިގެންފައި ވާކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ އަދީބަށް އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ކަމެއް ނުނިންމެވޭ ކަމަށެވެ. އެގޮތުން ސަރުކާރުން ބުނާ ގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް އަދި އެއްވެސް ތާކަށްވެސް އޭނާއަށް ނުދެވޭ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.

ސިޔާސީ ބޭނުމަކަށް އެހެން މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ބައިނަލްއަގްވާމީ ގޮތުންވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން އަދީބަށް ހިމާޔަތް ދިނުމަށް އެދޭ ކަމަށާއި އދ. ގެ ކަމާއި ގުޅުންހުރި ކޮމެޓީތަކުންވެސް މިކަން ބަލައި ދިނުމަށް ވަނީ އެދިފައެވެ.