ޓަގު ބޯޓެއްގައި ފިލަން އުޅުއްވަނިކޮށް އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފިއެވެ.

ނަމަވެސް މިކަމުގެ ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްނުދެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން އަންނަނީ އަދީބު ފިއްލަވައިގެން އިންޑިއާއަށް ޓަގު ބޯޓެއްގައި އެތެރެވާން އުޅެނިކޮށް އިންޑިއާގެ ސިފައިން އެމަނިކުފާނު ހިފެހެއްޓިކަމަށް ރިޕޯޓުކުރަމުންނެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަދީބާ އެކު އެ ބޯޓުން 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަދީބް އިންޑިއާއަށް ދަތުރު ކުރެއްވީ 'ސްނޯޝިޕިން' އިން އެޖެންޓްކަންކުރާ 'ޓަގް ވިރުގާ 9' ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި ބޯޓުގައި ތިބީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 8 މީހުންނާއި، އިންޑިއާގެ ރައްޔިތެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން އަދީބު ހައްޔަރުކުރެއްވި އިރު، އެމަނިކުފާނުގެ ޕާސްޕޯޓު ވަނީ ސުޕްރީމް ކޯޓުން ހިފަހަައްޓާފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާއަށް ދަތުރުކުރެއްވި ޓަގު ބޯޓުގައި ހުންނަވައިގެން ނެންގެވި ފޮޓޯއެއް، އަދި ދަތުރުކުރެއްވި ޓަގް ބޯޓު

ދިވެހިރާއްޖެއިން އިންޑިއާގެ ނިއު ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ "ދަ ޕްރެސް" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިވަައިގެންފައި ނުވާ ކަމަށެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީ އަދި ފުލުހުން ވެސް މި މައްސަލައިގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ، އަދީބާ ގުޅޭ ރިޕޯޓުތައް ލިބިވަޑައިގެންފައިވާ ކަމަށާއި، ޓެމިލްނާޑޫ ސްޓޭޓުން އެ މައުލޫމާތު ސާފުކުރުމަށް ފަހު ހާމަކުރައްވާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަދީބު އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލަ އިންޑިއާގެ އިންޓެލިޖެންސް އޮފިޝަލުންނަށް ވަނީ ކުރިން ލިބިފައެވެ. އަދި އަދީބު ވަގަށް އެތެރެވާން އުޅުނު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މި ޓަގު ބޯޓަކީ ރާއްޖެއަށް ހިލަ ހިފައިގެން ދިޔަ ބާޖު ކަފު ޖަހައިގެން ދިޔަ ޓަގް ބޯޓެވެ. އަދި އިންޑިއާއށް އަނބުރާ އައައިސްފައިވަނީ އެ މަސައްކަތް ނިންމުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ފުލުހުންގެ އިންޓެލިޖެންސަށް ފުރަތަމަ ލިބުނު ރިޕޯޓުގައި ބުނެފައިވަނީ ޓަގު ބޯޓުގައި އަދީބާއެކު އިތުރު ބަޔަކު ތިބިކަމަށެވެ. އަދި ޓަގް ބޯޓު ހުއްޓުވާ ބަލާފައިވަނީ މެޑިޓެރޭނިއަން ކަނޑުގައި އޮއްވާ ކަމަށްވެއެވެ. އިންޑިއާގެ ފުލުހުން މުޅި ބޯޓު ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ވެެއެވެ.

އިންޑިއާ ސިފައިންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވަނީ އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކޮށްފައިވަނީ ފިއްލަވައިގެންނެވެ. އަދި މި މައްސަލަ އިންޑިއާގެ އިންޓެލިޖެންސުން ދަނީ ތަހުގީގު ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ކުއްލިގޮތަކަށް އިންޑިއާ ސިފައިން ޓަގު ބޯޓަށް އަރާ އަދީބު ހައްޔަރުކުރެއްވުމުން، އެމަނިކުފާނު ހުންނެވީ ޝޮކެއްޖެހިވަޑައިގެން ކަމަށް މައުލޫމާތު ލިބެއެވެ.