މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށްލި ހއ. ހޯރަފުށި / އާރޯ، އަހުމަދު މަމްދޫހު، އެ ތުހުމަތުން ސަލާމަތްވިތާ ފަސް މަސް ނުވަނީސް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފިއެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި 20 އަހަރަށް ޖަލަށް ލުމަށް މަމްދޫހަށް ހުކުމް ކުރީ، 2015 ވަނަ އަހަރު ނޮވެމްބަރު މަހު އަމިއްލައަށް ތައްޔާރުކުރި އައިއީޑީއެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި މައްސަލާގައެވެ. މަމްދޫހުގެ އިތުރުން ތިން މީހަކު ވަނީ އެ މައްސަލާގައި 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް، މަމްދޫހުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށް ސާބިތުވާ މިންވަރަށް ގަރީނާއެއް ނެތް ކަމަށް ބުނެ ހައި ކޯޓުން ވަނީ މިދިޔަ މާޗު މަހު އޭނާ މިނިވަން ކޮށްފައެވެ.
ޓެރަރިޒަމްގެ ތުުހުމަތުން މަމްދޫހު ސަލާމަތްވިތާ އަދި ފަސް މަސް ނުވަނީސް އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓަލިޖެންސް ޑިޕާޓްމަންޓް އަދި އަޕާ ނޯތް ޑިވިޝަނާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި މަމްދޫހުގެ އިތުރުން ހަތަރު މީހަކު ހައްޔަރު ކޮށްފައި ވާއިރު، ފުލުހުން ވަނީ މި އޮޕަރޭޝަނުން 6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
މަމްދޫހުގެ އިތުރުން 6 ކިލޯގެ މަސްތުވަތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހއ. ހޯރަފުށި / ރަންމުލި، އަހްމަދު ރައޫފާއި ސ. ހިތަދޫ / ޕޫލްބަހާރު، މުހައްމަދު ފައިސަލްގެ އިތުރުން ސ. ހިތަދޫ / ހުދުވެލި، އަލީ ހަސަން އަދި ސ.ހިތަދޫ / ފިރިފަރު، އަބްދުﷲ އިބްރާހިމް ހިމެނެއެވެ. މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައި ވާއިރު، މި އެންމެންގެ ވެސް ވަނީ މީގެ ކުރިން ތަފާތު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ.