މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި 19 ގައުމަކަށް ޒިޔާރަތް ކުރެއްވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަހަރު މިހާތަނަށް ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ހަރަދު ކުރީގެ ސަރުކާރުގައި އެއް އަހަރު ތެރޭގައި ދަތުރުތަކަށް ކުރި ހަރަދަށް ވުރެ ކުޑަ ވާނެކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ދަތުރުތަކުގެ ތެރެއިން 74 ގައުމެއްގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، އެމްބެސެޑަރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށެވެ.

"މިހާތަނަށް ހަތް ގައުމެއްގެ ރައީސުންނާއި ހަ ގައުމެއްގެ ބޮޑުވަޒީރުންނާއި 33 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވާފައިވާނެ،"
ފޮރިން މިނިސްޓަރު ޝާހިދު

މިނިސްޓަރު ވިދާޅުވީ މި ދަތުރުތަކަށް މިހާތަނަށް މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ 7.5 މިލިއަން ރުފިޔާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުރެވުނު ހަރަދަށް ބަލާނަމަ، ދަތުރުތަކުގެ ނަތީޖާތައް ވެސް ކާމިޔާބު ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަތަރު ގައުމަކަށް ދަތުރުފުޅު ކުރައްވައި، ތިން މަސް ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯއްދަވައިފައި ވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ނިމިގެންދިޔަ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު ހިލޭއެހީއާ އެއްވަރުގެ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޔާމީންގެ ސަރުކާރުން ވެސް އެކުވެރި ގައުމުތަކަށް ދަތުރުތައް ކުރެއްވި ނަމަވެސް އެ ދަތުރުތަކުގެ ތަފްސީލު ރައްޔިތުންނާ ހަމައަށް އައިސްފައި ނުވާއިރު އެ ދަތުރުތަކުގެ ނަތީޖާއެއްވެސް ފެންނަން ނެތްކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.