އަފްޣާނިސްތާނުގެ ދެބައިކުޅަ އެއްބައިގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ހަނގުރާމަވެރިންނާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހުށަހަޅުއްވާފައިވާކަމަށާ، ތޯލިބާނުންގެ ލީޑަޝިޕުންވެސް އެކަމަށް ދީފައިވަނީ އެދެވޭ އިޖާބައެއް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވެއްޖެއެވެ.

މިމަޝްވަރާތައް ކުރިއަށްދާނީ ކޮން ދުވަސްވަރެއްގައި ތޯ ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤުރައިޝީ ވިދާޅުވީ ތޯލިބާނުންނާ ގާއިމުކޮށްފައިވަނީ "ހޮޓްލައިނެއް" ނޫންކަމަށެވެ. އެހެންކަމުން، އަދި މި ކަމަށް ތާރީހެއް ނޫނީ ދުވަސްވަރެއްވެސް ކަނޑައެޅިފައި ނުވާކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނު ސުލްހަ ކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޤުރައިޝީ ވިދާޅުވީ، ޕާކިސްތާނުން ދަނީ ކުރިއަށް ކަމަށާ، ޕާކިސްތާނުން ކުރިއަށްދަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. ޕާކިސްތާނަކީ އަފްޣާނިސްތާނަށް މާލީ ގޮތުން އެހީދޭން އޮތް ސްޕޮންސަރެއް ނޫންކަމަށާ، ނަމަވެސް ސުލްހައިގެ މަރުހަލާއަށް މަގުފަހިކޮށްދޭނެ އެހީތެރިއެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޤުރައިޝީ ވިދާޅުވީ އަފްޣާނިސްތާނުގެ ސުލްހަ ކުރުމުގެ މައްސޫލިއްޔަތަކީ ހިއްސާކުރަވެންޖެހޭނެ ޒިންމާއެއް ކަމަށާ އެއީ ޕާކިސްތާނު އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އެމެރިކާ އިސްވެ އޮވެގެން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު އެމެރިކާއިން ދަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ތޯލިބާނު ހަނގުރާމަވެރިން އެއްބަސް ކުރުވުމަށް މަސައްކަތްކުރުވުމަށް ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.