ފުލުހުންގެ ޖޮއިންޓް އޮޕަރޭޝަނެއްގައި 6 ކިލޯގެ މަސްތުވާ ތަކެއްޗާއެކު، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރަމުން ދިޔަ މީހަކު އަތުލައިގަނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައި ވަނީ، މީގެ 7 ދުވަސް ކުރިން ފުލުހުންނާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓަލިޖެންސް ޑިޕާޓްމަންޓް އަދި އަޕާ ނޯތް ޑިވިޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަަ ޑްރަގް ޓްރެފިކާއެއް އަތުލައިގެންފައިވާ ކަމަށެވެ. މި އޮޕްރޭޝަނުގައި އަތުލައިގެންފައި ވަނީ 6.023 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެ އެވެ.

ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރެއިން މިއަދުވެސް ހަމައެކަނި 25 ކިލޯގެ މަސްތުވާތަކެތި ފުލުހުންވަނީ ނައްތާލާފަ އެވެ. މިއަދު ނައްތާލި ބަނގުރާގެ ތެރޭގައި ހިމެނެނީ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅިއާއި 112 ބިއަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 20 އައިޓަމެކެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިދިޔަ ޖޫން 26 ގައި ފުލުހުން ވަނީ 419.61 ކިލޯގެ މަސްތުވާތަކެތިވެސް ނައްތާލާފައެވެ.