ޕާކިސްތާނުގެ ރާވަލްޕިންޑީގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 15 މީހުން މަރުވެއްޖެއެވެ.

މީހުން ސަލާމަތްކުރުމުގެ މިޝަންގެ ތަރުޖަމާނު ފާރޫގު ބަޓް ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ ބޯޓުގައި ތިބި 5 ފަޅުވެރިއެއްގެ އިތުރުން އާންމުންގެ 10 މީހެކެވެ. އިތުރު 12 މީހަކު ޒަހަމްވެފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މަތިންދާބޯޓު ވެއްޓުމާއެކު ރޯވި އަލިފާންގަނޑުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކެއްގައި ރޯވި ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ ދާދި ކައިރީގައި އޮންނަ ރާވަލްޕިންޑީއަކީ ޕާކިސްތާނު އަސްކަރިއްޔާގެ މަރުކަޒީ ހަބެއްގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދެކެވެ.

އާންމުން ދިރިއުޅޭ ސަރަހައްދަކަށް މި ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.