ކޯޓުތަކުން މައްސަލަތައް ބަލާ ބެންޗު ކަނޑައެޅުމަކީ ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފިއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން އެކުލެވޭގޮތަށް ކަނޑައެޅުމަށް ލަފާ ދެވިދާނެތޯ އެ ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާއަށްފަހު، އެކަމަކީ އިސްގާޒީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވާތީ އެކަމަކީ ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައި އަދި އެކަމުގައި ކޮމިޝަންގެ ބަހެއް ކިޔޭނެ ކަމެއް ވެސް ނޫންކަމަށް މިއަދު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސުޕީރިއާ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މައްސަަލައިގެ ޒާތަށާއި ބާވަތަށް އަދި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލާނެ ކަމަށެވެ.

އެގޮތުން، ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވަނީ ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގެ އެންމެ ފަނޑިޔާރަކު ބަލަމުން ގެންދިއުމަކީ ކަންބޮޑުވާ ވަރުގެ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުން ކަމަށް ވެސް ސައީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާތީ ކޯތުތަކަށް ހުށަހެޅޭ މައްސަލަަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީން މިހާރު ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ބަލައި، ދިރާސާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ފުރަތަމަ ކޯޓެއްގައި ގޮތުގައި ކްރިމިނަލް ކޯޓު ކަނޑައަޅައި، ކްރިނިމަލް ކޯޓުގައި މައްސަލަތައް ހިންގާފައިވާ މިންވަރާއި، މުހިންގި ނުވަތަ ހުއްޓިފައި ހުރި މައްސަލަތަކުގެ މިންވަރާއި އަދި އެކޯޓުގައި މައްސަލަތައް ބެލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުރިނެތްގޮތް ބަލާ، "ކްރިނިމަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓްގެ" ގެ ނަމުގައި ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ. އަދި ކޯޓުތަކުގައި މައްސަލަތައް އަވަހަށް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ކޯޓުތަކަށް ދެއްވުން އެދި ތަންފީޒީ އިދާރާތަކަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި، މިނިވަން މުއައްސަސާތަކަށް މި ރިޕޯޓް ފޮނުވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.