ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ ވަޒީފާއަށް ނުނުކުންނަވައި މަޑު ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާއަށް އަންގައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ ޝަކުވާގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނުކުންނަވައި ގޭގައި މަޑުކުރަން އެންގުމަށެވެ.

މީގެ އިތުރުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އެ ކޯޓަށް ބަދަލުކުރި މަގުސަދު ހާސިލްވަމުން ނުދާ ކަމަށް އޭނާގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނަކަމަށް ވަނީ ބުނެފައެވެ.

އަދި މެޖިސްޓްރޭޓް ހުސައިން ރަޝީދު ހުޅުމާލޭ ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރެއްވުމަށް ނިންމި ނިންމުން ރިވިއު ކުރުމަށާއި އޭނާ ކުރިން މަސައްކަތް ކުރެއްވި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބަދަލު ކުރަން ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ.