ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދު ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމް ކުރުމާ ބެހޭ ގަރާރު މަޖިލީހުން ބަލައިގެންފިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މި ގަރާރު މިއަދު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާއަށް 73 މެންބަރުން ހާޒިރުވެ ވަޑައިގެންނެވިއިރު، މި ގަރާރަށް ވޯޓު ދެއްވުމަށް ބައިވެރިވެ ވަޑައިގެންނެވީ 71 މެންބަރުންނެވެ.
ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދު ފާހަގަކުރުމާ ބެހޭ ގަރާރުގެ އިބްތިދާއީ ބަހުގެ ތެރެއިން ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކާބަފައިންގެ ދައުރުން ފެށިގެން މަސް ބާނަމުން އަންނަނީ އެންވަޔަރަމަންޓް ފްރެންޑްލީ [ތިމާވެށްޓާ ރަށްޓެހި] ކޮށް ކަމަށާއި އެއީ އެއިރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން އުޅޭ އުޅުމެއް ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތަނަވަސްކަން ދޫކޮށްލައި އެހެން ބަޔަކަށް ތަނަވަސްކަން ލިބޭ ގޮތަށް ބޭރުން ލޭނު އަޅައިގެން ބޭރުގެ ބޯޓު ފަހަރުތައް އައިސް ރާއްޖެ ވަށައިގެން ދާ ޖަހައިގެން މަސް ނަގަމުން ދާ ކަން ޖާބިރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަން މި ގައުމުގައި ނުކުރަންވީ ސަބަބަށް އަލި އަޅުވާލައްވަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ހޯދަން އުޅެނީ ކޯއްޗެއް ކަމާ މެދު ޖާބިރު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ބޭރުގެ މީހުން ދާ ޖަހައިގެން މަސް ބާނަމުން ދާ އިރު ރާއްޖޭގައި އެގޮތަށް މަސްބޭނުމަށް ފުރުސަތު ނުދޭންވީ ކީއްވެގެންތޯ ވެސް ޖާބިރު ސުވާލު އުފެއްދެވިއެވެ. ރާއްޖެއިން ވަކި މޭލެއްގެ ދުރިމިނުން ދާ އަޅައިގެން ކަޅުބިލަމަސް ހުރި ގޮތަށް އެއް ބިލިއަން ޑޮލަރުގެ މަސް އެއްފަހަރާ "ނަގަން ސަޅިވާނެ" ކަމަށާއި މި ކަމަށް އެއްވެސް ރިސާޗެއް ހެދިފައި އޮތްތޯ ޖާބިރު ސުވާލު ކުރެއްވިއެވެ.
ބަހުސް ކުރެއްވުމަށްފަހު މި ގަރާރު ބަލައިގަތުމަށް މެންބަރުން ނިންމުމުން މި ގަރާރު ވަނީ ދިރާސާ ކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ފޮނުވާފައެވެ.