ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރަސްމީކޮށް ދިދައާ ހަވާލުވެވަޑައިގަތް، ގަރާރު އިއްވަވައިފިއެވެ.

މިނިސްޓަރު މަހްލޫފް ދިދައާ ހަވާލުވެވަޑައިގެންފައި ވަނީ، މޮރިޝަސް ގައި ކުރިއަށް ގެންދިޔަ އައިއޯއައިޖީގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާލެން ވިޔަޕޫރޭ އަތްޕުޅުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަހުމަދު މަރުޒޫގްގެ އަތަށް ދިދަ އެރުއްވުމާއެކު ދިދަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ހަވާލުކޮށްދެއްވީ މަރުޒޫގެވެ.

އެ ރަސްމިއްޔާތުގައި މަހުލޫފް ވިދާޅުވީ، ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހްގެ ނަމުގައި ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށް ހުރިހާ ގައުމުތަކުގެ ޒުވާނުންނަށް ދައުވަތުއަރުވާ ކަމަށެވެ.

އައިއޯއައިޖީގައި މިފަހަރު މިއީ ރާއްޖެއަށް ތާރީހީ ފަހަރެކެވެ. ރާއްޖެއިން ވަނީ ގޭމްސް ހޯސްޓްކުރާ ގައުމު މޮރިޝަސް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުން ބަލިކޮށް ރާއްޖެއަށް ރަން މެޑަލްތައް ހޯދައިދީފައެވެ.

މި މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއާއެކު ވާދަކުރަމުންދާ މަޑަގަސްކާ އަދި ކޮމޮރޮސް އިންވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ. ރާއްޖެއިން ހުށަހެޅި ބިޑް ކާމިޔާބުކޮށްފައިވާ އިރު، މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މި މުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

2023 ވަނަ އަހަރު މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވެގެން ދާނެއެވެ.