މިހިނގާ 1440ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެ ހާ ފިޔަވަޅުތައް ސައުދީ އަރަބިއްޔާގައި ތަންފީޒު ކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސައުދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސް އިން ވަނީ ޙައްޖު މޫސުމާ ދިމާކޮށް އަމަލުކުރަން ފަށާ ޖެނެރަލް އެމާޖެންސީ ޕްލޭން ތަންފީޒު ކުރަންވެސް ފަށާފަ އެވެ. މި ޕޭލްންގެ ދަށުން 17000 އަށްވުރެ ގިނަ އޮފިސަރުން މަގުތަކަށް ނެރޭއިރު، އާންމުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 3000 އަށް ވުރެ ގިނަ ސެކިއުރިޓީ އުޅަނދުވެސް މަގުމަތީގައި ހަރަކާތްތެރި ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ލުއިފަސޭހަ ކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމަށް ސައުދީގެ ސަލްމާން ރަސްގެފާނާ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދާ މަސައްކަތްޕުޅު ތަކުގެ އަގު ވަޒަން ކުރައްވާ، ސައުދީގެ ޖެނެރަލް ޑައިރެކްޓާ އޮފް ސިވިލް ޑިފެންސް، ލެފްޓިނެންޓް ޖެނެރަލް ސުލައިމާން އަލް ޢަމްރޫ ވަނީ ސައުދީގެ ރަސްގެފާނާ ވަލީއަހުދަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަލް ޢަމްރޫ ވިދާޅުވީ ސިވިލް ޑިފެންސް ޔުނިޓްގެ މައިގަނޑު އަމާޒަކަށްވާނީ ހޭލުންތެރިކަން އިތުރު ކުރުމާ، ހުރިހާ ހިސާބަކުންވެސް ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި އެހީތެރިކަން ފޯރުކޮށްދިނުމާ ކުރިމަތި ވެދާނެ ހުރިހާ ނުރައްކާތަކުން ސަލާމަތް ކޮށްދިނުން ކަމަށެވެ. ޝިފްޓް ބަހައިގެން މަސައްކަތްކުރާ 24000 އަށް ވުރެ ގިނަ މަސައްކަތްތެރިންގެ އެހީ އަބަދުވެސް ލިބެމުން ދާނެކަން ސިވިލް ޑިފެންސް ޔުނިޓުން ފާހަގަކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިއަނަށްވުރެ ގިނަ މުސްލިމުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔޭގައި މިވަގުތު ތިބި ހުރިހާ މުސްލިމުން ޙައްޖުވުމަށް 580 އަހަރު ނަގާނެ ކަމަށް ޓެކްނޮލޮޖީ ތަޖުރިބާކާރުން ބުނާއިރު، ސައުދީ އަރަބިއްޔާއިން ވަނީ 2030 ވަނަ އަހަރު އަންނަން ވާއިރު، އަހަރެއްގެ މައްޗަށް 30 މިލިއަން ޙައްޖާޖީންނަށް ފުރުސަތު ދިނުމަށް އަމާޒެއް ކަނޑައަޅާފައެވެ.