އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައި ދޭނީ ޓީޓީން ރާއްޖެއަށް ތިން ރަންމެޑަލް ހޯދައިދިން ފާތިމަތު ދީމާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އައިއޯއައިޖީގައި މިފަހަރު މިއީ ރާއްޖެއަށް ތާރީހީ ފަހަރެކެވެ. ރާއްޖެއިން ވަނީ ގޭމްސް ހޯސްޓްކުރާ ގައުމު މޮރިޝަސް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުން ބަލިކޮށް ރާއްޖެއަށް ރަން މެޑަލްތައް ހޯދައިދީފައެވެ.
މިއަދު ބާއްވާ އައިއޯއައިޖީގެ ނިންމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނީ ދީމާ ކަމަށް ނިންމީ ރޭ ބޭއްވި މެޑަލް ޕާޓީގައެވެ. ދިދަ އުފުލާނެ އެތްލީޓަކީ ދީމާ ކަން އިއުލާންކޮށް ދީމާއަށް ރާއްޖޭގެ ދިދަ ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
އައިއޯއައިޖީ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ.
ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުން ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކަށް ދީމާ ވެ ތާރީހުގެ ތެރެއަށް ވަދެފައިވާ އިރު، ދީމާ ވެގެންދާނީ ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު އެންމެ ހަގު ކުޅުންތެރިޔާއަށް ވެސްމެއެވެ.
ދީމާ ވަނީ މިއަހަރު ބޭއްވުނު އައިއޯއައިޖީގައި ރާއްޖެއަށް ތިން ރަން މެޑަލް ކާމިޔާބު ކޮށްދީފައެވެ. ދީމާ ހޯދި ރަންމެޑަލްތަކަކީ ވިމެންސް ޓީމް އިވެންޓްގެ ރަން މެޑައްޔާއި ވިމެންސް ޑަބަލްސްގެ ރަންމެޑަލްގެ އިތުރުން ވިމެންސް ސިންގަލްގެ ރަން މެޑަލެވެ.
އައިއޯއައިޖީ 2023 ވަނަ އަހަރު ބާއްވާނެ ގައުމަކަށް ރާއްޖެވަނީ ހޮވާފައެވެ. މިއަދު އޮންނަ އައިއޯއައިޖީ 2019 ނިމުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު މަހުލޫފާއި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ފެޑެރޭޝަންގެ ދިދަ ހަވާލުކުރާނެއެވެ.