ވަކީލުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަބްދުﷲ މާނިއު ހުސެއިން އިންތިހާބުވެ ވަޑައިގެންފިވެއެވެ.

މިއަދު ބޭއްވި އިންތިހާބުގައި މާނިއު ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އައްޔަން ކުރާ ސްލޮޓް ކާމިޔާބު ކުރެއްވީ ހަތަރު ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ. މާނިއު އިންތިހާބު ކާމިޔާބު ކުރެއްވީ 199 ވޯޓު ހޯއްދަވައި ގެންނެވެ. މާނިއުއާ އެންމެ ކައިރިން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގެންނެވީ 124 ވޯޓެވެ.

ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް އިންތިހާބުކުރާ ވަކީލުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީރު ޖަމާލް އަބޫބަކުރު އަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އެ އިންތިހާބުގައި ވާދަކުރެއްވި އެންމެ އަންހެން ވަކީލެކެވެ. މަރިޔަމް ހަނީފާ ހާލިދު އަށް އިންތިހާބުގައި ލިބިވަޑައިގަތީ 27 ވޯޓެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރުމަށް ބޭއްވި އިންތިހާބުގައި 1487 ވަކީލަކު ރަޖިސްޓްރީވި ނަމަވެސް، ވޯޓުލީ 404 ވަކީލުންނެވެ.