ގައުމުގެ މިނިވަންކަން ގެއްލޭ އެންމެ ހިނދުކޮޅެއްވެސް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިނިވަން ކަމަކީ، ކޮންމެ މީހެއްގެވެސް އިންސާނީ ވަންތަކަން ރަމްޒުކޮށްދޭ އެންމެ މަތިވެރި ސިފަ ކަމަށާއި، އަދި މިނިވަން ކަމަކީ އިންސާނީ ހައްގުތަކުގެ ތެރެއިން މީހަކަށް ލިބެންޖެހޭ އެންމެ މަތީ ދަރަޖައިގެ ހައްގު ކަމަށެވެ. އެހެން ކަމުން މިނިވަން ކަމަކީ އެއްވެސް މީހެއްގެ ކިބައިން ހިނދުކޮޅަކަށްވެސް ނިނގުޅައިގަނެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރިހަމަ މިނިވަން މާހައުލެއް ބިނާ ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި މިނިވަންކަން ގާއިމު ކުރެވޭނީ އެންމެ ފުރިހަމަޔަށް އިސްލާމީ އަގީދާގެ މަތީގައި ދެމިތިބުމުގެ އިތުރުން ހެދިފައިވާ ގާނޫނުތަކާ ގަވައިދުތަކަށް ފުރިހަމައަށް ބޯލަނބައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިނިވަން ކަމުގެ އާ އަހަރާ އެކު ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، މުޖުތަމައުގެ ހަމަޖެހުމާއި އަމަން އަމާންކަން ގާއިމު ކުރުން ކަމަށެވެ. އަދި އެކަން ހާސިލު ކުރެވޭނީ އެންމެން އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ މަގުސަދަކަށް ވާންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ގައުމުގެ މަސްލަހަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަން ޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ހައްގުތައް ހިމާޔަތް ކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަތައް ގިނަވެއްޖެ ކަމަށާއި އަދި ތަފާތު ހަރުކަށި ވިސްނުންތަކާއި، ހައްދުފަހަނަޅައިދިޔުން ފަދަ ކަންކަން ދުނިޔޭގައި އިންިހާއަށް ގިނަވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ހައްދުފަހަނަ އަޅައި ދިއުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި. ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ މިހާރު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.