އިނގިރޭސިވިލާތުގެ ދިދަޖަހައިގެން ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރާ އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދު ހުރަސްކޮށް ނިމެންދެން އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދެއް އެ ބޯޓާއެކު ދަތުރުކުރަމުންދާނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އީރާނުގެ ކޮންޓްރޯލް އޮންނަ ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ ވިލާތުގެ ބޯޓުފަހަރަށް އީރާނުން ހުރަސްއަޅާ، އެބޯޓު ފަހަރާ، އޭގެ ފަޅުވެރިން އީރާނުގައި ހިފަހައްޓާ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ދުނިޔޭގެ އިގުތިސޯދާ ބައިނަލްއަގުވާމީ ވިޔަފާރީގެ ނިޒާމަށް ބަލާއިރު ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ލިބިދީފައި އޮންނަންޖެހޭނެ މިނިވަންކަމެއް ކަމަށާ، އެކަން ކަށަވަރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އިނގިރޭސިވިލާތުން ކުރަމުންދާނެކަމަށެވެ.

ހޮރުމޫޒު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ނެޓްވާކު އެޅިފައިވާ ގޮތުން އިންތިހާއަށް މުހިންމު ސަރަހައްދެކެވެ. ނަމަވެސް އިރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު އުފެދިފައިވާ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން އީރާނުން ދަނީ ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.