މިހާތަނަށް ރާއްޖޭގައި ހިންގައިފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް ބައިވެރިން އަދިވެސް ސަރުކާރުގެ މަގާމުތަކުގައި އެބަ ތިބި ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ނަސީރު މިހެން ވިދާޅުވެފައި ވަނީ ހުންނެވި މަގާމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ނޫސް ބަޔާނެއްގައެވެ. ނަސީރު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައިވެރިންގެ މައްސަލަތައް ފެންނަން އޮތް ނަމަވެސް އަދިވެސް އެމައްސަލަތައް އެންމެ އެދެވިގެންވާ ގޮތެއްގައި ބެލެމުން ނުދާ ކަމަށެވެ.

ހާއްސަކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ގެ ނަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތް ހިނގާފައި ވާ ދުވަސްވަރު އާދަޔާ ހިލާފަށް އެ ފަރާތްތަކާ އެމްއެމްއޭގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އޭރުގެ އެމްއެމްއޭގެ އިސް ފަރާތްތަކުންނާއި، ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަޔާމެދު އަމަލުކޮށްފައިވާ ގޮތަކީ އެންމެ ޒިންމާދާރު ގޮތެއް ނޫންކަމަށެވެ. އަދި ނަސީރުގެ ގަވަރުނަރުކަމުގައި ތައްޔާރުކުރި އެމްއެމްއޭގެ އިންޓާނަލް ރިވިއު ރިޕޯޓުންނާއި، އެމައްސަލައިގައި ކުރެވިފައިވާ ތަހުގީގު ތަކުން އޭރުގެ އެމްއެމްއޭގެ ވެރިންގެ ޒިންމާދާރުކަން ކުޑަކަން ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޓަރނަލް އޮޑިޓުން ފެންނަންހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް މިއަހަރުގެ މާޗު މަހު ވާނީ ފުލުހުންނަށް ހުށަހަޅައިފައި ކަމަށް ނަސީރުގެ ނޫސް ބަޔާނުގައި ވެއެވެ.

ނަސީރު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ނުވަތަ އެނޫންވެސް ބޭނުމެއްގައި، އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށް، އޭނާއަށް އަމާޒުކޮށްގެން ހިންގާ ކަންތައްތަކެއްގެ ސަބަބުން، މީގެ ކުރިން އެމްއެމްއޭއަށް ލިބިފައިވާ ކުރިއެރުން ތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.