ގިނަ ބަޔަކު ވިޔަފާރި ކުރާ ރެޑްވޭވް ފިހާރައިގެ މުވައްޒަފަކު، އެފިހާރައިގައި ކާބޯތަކެތި އަޅާފައި ހުރި ވަށިގަނޑުތަކަކަށް އަރާ ފޮޓޯއެއް އާންމުވެ މީހުންގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
މިއީ މަޖީދީ މަގުގައި ހުންނަ "ރެޑްވޭވް" ފިހާރައެވެ. ފޮޓޯއިން ފެންނަނީ އަލުވި، ފިޔާ އަދި ލޮނުމެދު އަޅާފައި ހުރި ވަށިގަނޑުތަކަކަށް އެ ފިހާރައިގެ މުވައްޒަފަކު ކޮޅަށް އަރާ ހުއްޓައެވެ. ވަށިގަނޑަކާ ވަށިގަނޑެއް ޖެހި ފައްތަރުވާގޮތަށް ހުރި އެއް ވަށިގަނޑުގައި ހުރީ އަލުވި ބަރާކޮށް އަޅާފައެވެ. އަނެއް ވަށިގަނޑުގައި ހުރީ ފިޔައެވެ. ދެން ހުރި ވަށިގަނޑުގައި ހުރީ ލޮނުމެދެވެ. ފޮޓޯއިން ފެންނަނީ މުވައްޒަފު، އަލުއްވާއި ފިޔާ އަޅާފައި ހުރި ވަށިގަނޑުގެ ތުންފަތް މައްޗައް ވާއަތުފައިން އަރައިގެން ހުރެ ފިޔާ އަދި ލޮނުމެދު އަޅާފައި ހުރި ފޮށިގަނޑުގެ ތުންފަތް މައްޗަށް ކަނާއަތުފައިން އަރަން އުޅޭ ތަނެެވެ.
އާންމުންގެ ފާޑުކިޔުން ބޮޑުވީ، އެ ހުރިހާ ފޮށިގަނޑެއްގައިވެސް ކާބޯތަކެތި ބަރާކޮށް އަޅާފައި ހުރި އިރު އެ މުވައްޒަފު އަރާ ހުރުމުން، އޭނާގެ ފައި އެތަކެތީގައި ޖެހޭތީއެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މެނޭޖަރު ބުނީ ފޮޓޯ ނަގާފައިވާ ފަރާތުން ފޮޓޯ ނަގާފައި އެވަނީ ފިހާރައިގެ މުވައްޒަފަކު ފައިވާން ބޭލުމަށް ފަހު ހަރުގަނޑު މައްޗަށް އެއްޗެއް ނެގުމަށް އެރި ވަގުތު ކަމަށެވެ. އަދި އެވަގުތު ފޮޓޯ ނެގުމުން ފެންނާނީ ތިރީގައި ހުރި ފިޔާ ބާސްކެޓު މައްޗަށް އެ މުވައްޒަފު އަރާހުރި ހެން ކަމަށް ވެދާނެ ކަމަށެވެ.
"އަސްލު އެހެނެއްނޫން އެވަނީ، އެ ފޮޓޯ ނެގި މީހަކު، ދެން އެކަހަލަ ބައިވަރު ފޮޓޯ ފެނޭނު ހަދާފައި ވެސް" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ސޯޝަލްމީޑިއާގައި އާންމުވި އެ ފޮޓޯއާއެކު ފާޑުކިޔަމުންދާ ބައެއް ފަރާތްތަކުން ވަނީ ރެޑްވޭވް ބޯއިކޮޓު ކުރުމަށް ގޮވާލައިފައެވެ. އަނެއް ބަޔަކު ބުނެފައިވަނީ އެއީ ހޭލުންތެރިކަން ކުޑަކަމުން ދިމާވާ ކަންތައްތައް ކަމަށެވެ.
ބަޔަކު މީހުން މި ފޮޓޯ ބަލާފައި، އެ މީހާގެ ފައި، އެހާ ހަޑި ނޫނިއްޔާ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް ގިނައިރު ވަންދެން ފައިވާނަށް ނުވަތަ ބޫޓަށް އަރާފައި ހުރުމުން ފައިން ދާ ހިއްލުން ފަދަ ކަންކަން ވުމާއި އެހެން ހުރެ ކާބޯތަކެތީގައި ފައި ޖެހޭ ގޮތަށް ކަންތައްތައް ކުރުމަކީ އެތަކެތީގެ ރައްކާތެރިކަން ކަށަވަރުވުން ކުޑަވާނެ ކަމެކެވެ.
މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން މާލޭގެ ފިހާރަތަކުން ކުރިމަތިވެއެވެ. 2016ވަނަ އަހަރުގެ ތެރޭގައި މާލޭގެ ފިހާރައެއްގައި ކިލާފެނުން ތަރުކާރީތަކެއް ދޮވެ ވިއްކަން ބެހެއްޓި މައްސަލައެއްވެސް ފެންމަތި ވިއެވެ.