އެއް ބިލިއަން ޑޮލަރުގެ މަސް އެއްފަހަރާ "ނަގަން ސަޅިވާނެ" ކަމަށް ކާށިދޫ ދާއިރާގެ މެންބަރުގެ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވާފައި ވާ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގައި ކާބަފައިންގެ ދައުރުން ފެށިގެން މަސް ބާނަމުން އަންނަނީ އެންވަޔަރަމަންޓް ފްރެންޑްލީ [ތިމާވެށްޓާ ރަށްޓެހި] ކޮށް ކަމަށާއި އެއީ އެއިރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން އުޅޭ އުޅުމެއް ކަމަށެވެ.

އިބްރާހިމް ރަޝީދު ހުށަހަޅުއްވާފައި ވާ ގަރާރަކީ، ދިވެހި މަސްވެރިކަން ކުރާ ސަރަހައްދު ތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމް ކުރުމާ ގުޅޭގޮތުން ހުށަހަޅުއްވާފައި ވާ ގަރާރެވެ. 19 ވަނަ މަޖިލީހުގެ 25 ވަނަ ޖަލްސާގައި މި ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި އެއްގަޑިއިރުގެ ވަގުތުގެ ތެރެއިން އެންމެ ފުރަތަމަ ބަހުސް ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.

މަސްވެރިން މަސް ބާނަނީ / ފޮޓޯ: ދިވެހި މަސްވެރިން

ދިވެހިރާއްޖޭގެ ތަނަވަސްކަން ދޫކޮށްލއަި އެހެން ބަޔަކަށް ތަނަވަސްކަން ލިބޭ ގޮތަށް ބޭރުން ލޭނު އަޅައިގެން ބޭރުގެ ބޯޓު ފަހަރުތައް އައިސް ރާއްޖެ ވަށައިގެން ދާ ޖަހައިގެން މަސް ނަގަމުން ދާ ކަން ޖާބިރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަން މި ގައުމުގައި ނުކުރަންވީ ސަބަބަށް އަލި އަޅުވާލައްވަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ހޯދަން އުޅެނީ ކޯއްޗެއް ކަމާ މެދު ޖާބިރު ސުވާލު އުފެއްދެވިއެވެ. ބޭރުގެ މީހުން ދާ ޖަހައިގެން މަސް ބާނަމުން ދާ އިރު ރާއްޖޭގައި އެގޮތަށް މަސްބޭނުމަށް ފުރުސަތު ނުދޭންވީ ކީއްވެގެންތޯ ވެސް ޖާބިރު ސުވާލު އުފެއްދެވިއެވެ. ރާއްޖެއިން ވަކި މޭލެއްގެ ދުރިމިނުން ދާ އަޅައިގެން ކަޅުބިލަމަސް ހުރި ގޮތަށް އެއް ބިލިއަން ޑޮލަރުގެ މަސް އެއްފަހަރާ "ނަގަން ސަޅިވާނެ" ކަމަށާއި މި ކަމަށް އެއްވެސް ރިސާޗެއް ހެދިފައި އޮތްތޯ ޖާބިރު ސުވާލު ކުރެއްވިއެވެ.

"ރާއްޖޭގެ ތަނަވަސްކަން ދޫކޮށްލާ، އެހެން ބަޔަކަށް ތަނަވަސްކަން ލިބޭގޮތަށް ބޭރުގެ ލޭންއަޅާ ބޯޓުފަހަރުތައް މި ރާއްޖެ ވަށައިގެން ދާ ޖަހައިގެން މަސް ނަގަމުން އެ ދަނީ، އަޅުގަނޑުމެން ކީއްވެގެންތޯ ދާ ނުޖަހަންވީ؟ އެކަމަށް އެއްވެސް ރިސާޗެއް ހެދިފަ އޮތްތޯ؟ ކޮބައިތޯ އެކަމުގެ ސަބަބުން ވަކި މޭލެއްގެ ދުރުމިނުން ދާ އަޅައިގެން ކަޅުބިލަމަސް ހުރިގޮތަށް، އެއް ބިލިއަން ޑޮލަރުގެ މަސް އެއްފަހަރާ ނަގާލަން. ސަޅިވާނެ ނޫންތޯ؟"
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މިކަމަށް މިސާލު ޖައްސަވަމުން ޖާބިރު ވިދާޅުވީ، ޑޮލަރު ކޮންޓޭނާއެއް ހުއްޓާ އެއިން ދިވެހިން ފަހަރަކު ޑޮލަރެއް ނަގަމުން ދާ އިރު އެހެންބަޔަކު އައިސް އެއްކޮށް ދާ ޖަހައިގެން އެ ޑޮލަރުތައް ނަގައިގެންދާ ކަމަށެވެ. މި ގޮތަށް ދިވެހިންގެ ތެރޭގައި ކަންކުރުން ބަދަލު ކުރަންވެއްޖެ ކަމަށާ، ކާބަފައިންގެ ތެރެއިން އެއްބަޔަކު "ގުދާރު ބިންދައިގެން ގޮސްފައި ތިބީ" ދޮށިން މަސް ބާނައިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ވަސީލަތްތައް މެކްސިމައިޒް [އެންމެ މައްޗައް ޖެއްސުން] ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރަށްތައް އަޑިއަށް ދާތީ، ތިމާވެށި ހިމާޔަތް ކުރުމަށް ގްރީން ޓެކްނޮލޮޖީ ގެންނަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. މިކަން ކަމަށް ފައިސާ ބޭނުން ވާއިރު ފައިސާ ލިބޭނެ ހުރިހާ ވަސީލަތްތަކެއް ބަންދުކޮށްފައިވާ ކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގައި ބަހުސް ކުރެވޭ ކަންތައްތައް ތަކަށް އަލިއަޅުވާލައްވަމުން ޖާބިރު ވިދާޅުވީ، މިހާރު މި ދެކެވެނީ އިންޑަސްޓްރީތައް ބަދަލު ކުރާ ވާހަކަ ކަމަށެވެ. އެގޮތުން މި ގައުމުގައި ހުރި ގުދުރަތީ ވަސީލަތް ތަކުން ލިބިފައިވާ ރިޒުގު، ދެއްވާފައިވާ އެންމެ މަތީ މިންވަރު ބޭނުން ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.