އެހެން އަހަރުތަކާއި އަޅާބަލާއިރު، މިއަހަރު ރާއްޖޭގެ ހައްޖު ގުރޫޕުތަކުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ހަމަޖައްސާފައި ވާކަމަށް، ސައުުތް އީސްްޓް އޭޝިއާގެ ހައްޖު މުއައްސަސާގެ ރައީސް ޑރ. ރައުފަތު ބަދުރު ވިދާޅުވެއްޖެ އެވެ.
ސައުުތް އީސްްޓް އޭޝިއާގެ ހައްޖު މުއައްސަސާގެ ރައީސް ޑރ. ރައުފަތު ބަދުރު މިހެން ވިދާޅުވެފައި ވަނީ، މިއަހަރުގެ ހައްޖުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ސައުތުއޭޝިޔާގެ ހައްޖުވެރިންގެ މުތައްވިފުންގެ މުއައްސަސާއިން ވަމުންދާ ތައްޔާރީތައް ދެނެގަތުމަށް، ދިވެހި ހައްޖު މިޝަނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ ސައުތު އީސްޓް އޭޝިއާގެ ހައްޖު މުއައްސަސާގަ އެވެ. މި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، އިތުރު ކޯޓާ ލިބުން ލަސްވުމުގެ ސަބަބުން ބައެއް ގުރޫޕުތަކުގެ ކަންކަން ހަަމަޖެއްސުމުގައި ދަތިތަކެއް މެދުވެރިވި ނަމަވެސް، އެހެން އަހަރުތަކަށް ވުރެ މި އަހަރު އިތުރު ކޯޓާ ހަމަޖެހުމަކީ އެގުރޫޕު ތަކަށްވެސް ކަންކަން ކުރިއަށް ވުރެ ފަސޭހަވެގެން ދިޔަ ކަމެއް ކަމަށް ހައްޖު މުއައްސަސާގެ ރައީސް ފާހަގަކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ހައްޖު ކުންފުނިތަކަށް ބާރުއަޅައި ދިނުމަށް އެދިވަޑައިގެން ސައުުތް އީސްްޓް އޭޝިއާގެ ހައްޖު މުއައްސަސާގެ ރައީސް ބައެއް މުހިއްމު ކަންތައްތައް ފާހަގަކުރެއްވި އެވެ. އެގޮތުން ދުރާލާ މިނާއިން އަރަފާތަށް ދިއުމަށް ބާރުއަޅައި، ކަނޑައެޅިފައިވާ ވަގުތުތަކުގައި ހިލަ އުކަން ދިއުމުގެ މުހިއްމު ކަމާއިބެހޭ ގޮތުން ހިއްސާކޮށްފައި ވާކަމަށް ޑެޕިއުޓީ މިނިސްޓަރު ޝާފިއު މައުލޫމާތް ދެއްވިއެވެ.
މިޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މިޝަނުގެ ރައީސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސްޓޭޓް މިނިސްޓާ އައްޝެއިހު އިލްޔާސް ޖަމާލުވަނީ މުއައްސަސާގެ ފަރާތުން ހައްޖު މިޝަނަށް ދެއްވާ އެހީތެރިކަމާއި، ބަހައްޓަވާ ގާތް ގުޅުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ހައްޖުވެރިންގެ ކަންކަން އިންތިޒާމްކުރުމުގައި މުއައްސަސާގެ އެހީތެރިކަން ދެއްވުމަށްވެސް ސްޓޭޓް މިނިސްޓަރު އެދިވަޑައިގެންފައި ވެއެވެ.
ހައްޖުވެރިންނަށް ހިދުމަތްދިނުމަށް ދިވެހި ހައްޖު ކުންފުނިތަކުން ނަަގާފައިވާ މުތައްވިފުނާއިގުޅޭ މައުލޫމާތުވެސް ސައުތް އީސްޓް އޭޝީއާގެ ހައްޖު މުއައްސަސާއިން ހޯދާފައިވާާކަމަށް ޝާފިއު ވިދާޅުވިއެވެ. އަދި ހައްޖުވެރިންނަށް ދޭން ކަންޑައަޅާފައި ހުރި ހިދުމަތްތަކާއިގުޅޭ ގޮތުން އެ މުތައްވިފުންނާ މަޝްވަރާކުރުމުގެ ބައްދަލުވުންތަކެއް އިންތިޒާމްކުރުމަށް ހައްޖު މިޝަނުން މަސައްކަތްކުރަމުންދާކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު ޝާފިއު ވިދާޅުވި އެވެ.