"ކަލޭ ދެން އޭނަ ގެންދަންވީނު... ނުރުހުމުގަވިޔަސް.. އެގޮތް މާ މަޖަލެއްނު..."ރޫފަސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ މަންޝާ ބޭނުންވަނީ ކޮން ހައިސިއްޔަތަކުންކަން އިބްޒީމާއަށް ނޭނގެނީއެވެ.
މަންޝާ އަކީ ރޫފަސްއަށް ވަރަށް ހާއްސަ މީހެކެވެ. މަންޝާއަށް ދެރަގޮތެއް ހަދާކަށް ރޫފަސްގެ ހިތެއް ނޭދެއެވެ. ރޫފަސް ފުންނޭވާއެއް ބޭރުކޮށްލަމުން އޭނާގެ އަތް މުށްކަވާލީ އަތަށް ބާރުކޮށްލަމުންނެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާ އެންމެ ލޯބިވީ އަންހެންކުއްޖާ ގެއްލެން ދިމާވި ސަބަބު އޭނާގެ ހަނދާނަށް އައެވެ. ލޯބި ހޯދަން ކެތްތެރިކަމާއެކު މަސައްކަތްކުރަން އޭނާއަށް އުނދަގުލެވެ. އެއީވެސް މަންޝާ ފަދަ އިންސާނެކެވެ. ގަދަބާރުން އެ އަންހެންކުއްޖާ ހާސިލްކުރަން ރޫފަސް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އެ ކުއްޖާ ދުނިޔެއިން މޮޔަވުމެވެ. އެކަމުގެ ސަބަބުން އެ ކުއްޖާގެ އާއިލާއިން ރޫފަސްގެ އާއިލާއާ ދެކޮޅަށް ހަތިޔާރު ބަހެއްޓީ ރޫފަސްގެ ވަކިތަކުން އޭނާ ސަލާމަތްކުރާށެވެ.
އެ ހަނގުރާމައިގައި ނިމިގެން ދިޔައީ އޭނާގެ ލޯބިވެރިޔާ އެކަންޏެއް ނޫނެވެ. ގޮތް ދޫނުކޮށް ރޫފަސްގެ ބާރު ދައްކަން ކުރި މަސައްކަތުގައި ރޫފަސްގެ އާއިލާވެސް ވަނީ ނެތިގެން ގޮސްފައެވެ. އެދުވަހަށްފަހު ރޫފަސްގެ އަޒުމަކަށްވީ އިންސާނަކު މެދުވެރިކޮށް ދަރިއަކު ހޯދުމެވެ. އޭނާގެ އާއިލާ ދަމަހައްޓަން އެހެން ޖިންނީންނަށް ވުރެ ބާރުގަދަ ކުއްޖަކު އުފަންކުރުމެވެ.
އެ އަޒުމުގައި ދުނިޔެއަށް ފޭބި ރޫފަސްގެ ލޮލުގައި މަންޝާ އަޅައިގަތުމުން އެ ނިކަމެތި އަންހެން ކުއްޖާ ހާސިލްކުރަން އޭނާ ބޭނުންވީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މަންޝާގެ ސިފައާ ރޫފަސް އެންމެ ލޯބިވީ އިންސާނާގެ ސޫރައާ ވައްތަރު ގޮތެއް ހުރުންވީ އެކަމަށް ބާރު އެޅުނު އިއްތިފާގެކެވެ.
އެ ހަމަހިމޭން މާހައުލުގެ ތެރެއިން އެތައްބައެއްގެ ވާހަކަ ދެއްކުމުގެ އަޑު އިވުމާއެކު އެ އަޑު އަންނަ ދިމާއަށް ރޫފަސްގެ ކަޅި އަމާޒްކޮށްލީ ދެބުމަ ގޮށްޖަހާލަމުންނެވެ. މަންޝާގެ ބޯމަތިން އޭނާގެ އަތް އެވަގުތު ހަރަކާތްކޮށްލި އިރު ރޫފަސްގެ ދެލޮލުގެ ކަޅި ގަދަ ރަތްކުލައިން ދިއްލިގެން ދިޔައެވެ. އަދި އޭނާގެ ތުންފަތް ހަލުވިކަމާއެކު ތަޅުވާލިއެވެ. ރޫފަސްގެ އަތުތެރެއިން ނިކުތް ރަންކުލައިގެ ދަޅައެއް މަންޝާގެ ހަށިގަނޑަށް އެޅުނުއިރު ވެސް މަންޝާއަށް ކަމެއް ރޭކާނުލިއެވެ.
އެ ދަޅައިގެ ސަބަބުން މަންޝާގެ ހަށިގަނޑު ވަށާ ހިމާޔަތުގެ ފާރެއް ލެވުނު ކަހަލައެވެ. ހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ރޫފަސް ދޫކޮށްލީ ހަށިގަނޑުން ވަރު ދޫކޮށްލަމުންނެވެ. އަދި މަންޝާގެ މަގަތުގައި އެ ދޮންވެލިގަނޑުމަތީ ދެފައިވަށްކޮށްގެން އިށީނދެލީ އެ ހިތްގައިމު މާހައުލުގައި ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ.
*** *** *** *** *** ***
އަތިރި މަގަށް ފޭބީ ގިނަ އަދަދެއްގެ ޒުވާނުންތަކެކެވެ. އޭގެތެރެއިން ގިނަ ބައެއްގެ ފޯނުގެ "ފްލޭޝް ލައިޓް" ދިއްލައިގެން އަތިރި މައްޗަށް ނިކުތުމަށްފަހު މޫދާ ދިމާއަށް އަލިކުރަމުން އެކަކުއަނެކަކާ ވާހަކަދައްކަމުން ދިޔައެވެ. އެއްބަޔަކު އަތިރިމަގުން މަންޝާމެން ތިބި ފަރާތަށް އިޝާރާތްކުރަމުން ދިޔައިރު އަނެއްބަޔަކު އިޝާރާތް ކުރަމުން ދިޔައީ ރަށުގެ އަނެއް ފަރާތަށެވެ. ބަލާބެލުމުން ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދަމުން ދިޔަ ބައެއް ހެނެވެ. ބައެއްގެ ހިލަންވީހެން ހީވުމުން ސިހިފައި މަންޝާ ބަލާލީ އެމީހުންނާ ދިމާއަށް ހިނގާފައި އައި ހަތްވަރަކަށް ޒުވާނުންނާ ދިމާއަށެވެ. އެމީހުން ފެނުމާ އެކީ މަންޝާގެ މޫނު ރޫފަސްއާ ދިމާއަށް އަނބުރާލިއިރު އޭނާގެ ދެލޯ ވަނީ ކާޓެއްހެން ބޮޑުވެފައެވެ.
ހާސްކަމުގެ ކުލަތައް މަންޝާގެ މޫނުމަތިން ފާޅުވަމުން ދިޔަކަން ރޫފަސްއަށް ނަގައިގަނެވުނު ނަމަވެސް އެއިން އިންސާނަކަށް އެދެމީހުން ނުފެންނާނެކަން ކަށަވަރުވާތީ އެކަމާ ރޫފަސް ފަރުވާލެއް ނުބަހައްޓައެވެ.
"އަޅެ.. އެމީހުންނަށް އަހަރެން ފެނިއްޖިއްޔާ ވަރަށް ގޯސްވާނެ... އަހަރެން ދަންނަ ބަޔަކު އެތާ އެބަތިިބި.. އަޅެ އެމީހުން އެއަންނަނީ މިދިމާލަށޭ.. ހިނގާ ދާން..." ތެޅިތެޅި އޮތް ހިތަކާއެކީ މަންޝާ ވާހަކަ ދައްކަމުން އޭނާގެ ފިނި ދެ އަތްތިލައިން ރޫފަސްގެ އަތުގައި ހިފަހައްޓާލީ އާދޭހުން ފުރިގެންވާ ބެލުމަކާ އެކީގައެވެ. މަންޝާގެ ދެލޮލަށް ބަލަން އިން ރޫފަސްގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެއް ކުރަމުން ދިޔައެވެ. ނަމަވެސް މީ އެފަދަ އިހްސާސްތަކެއް ބަންޑުންކޮށްލަން އެންމެ އެކަށީގެންވާނެ ވަގުތު ނޫންކަން އޭނާއަށް އެނގެއެވެ.
"ޝްޝްޝް.. ވާހަކަ ނުދައްކާ.. އަހަންނަކަށް ހިއެއްނުވޭ އެމީހުންނަށް އަހަރެމެން ފެންނާނެ ހެނެއް..." ޝަހާދަތް އިނގިލި މަންޝާގެ ތުންފަތް މައްޗަށް ހުރަސްކޮށްލަމުން ރޫފަސް އެދުނީ ހަނު ހުރުމަށެވެ. އެހިސާބަށް އައިސް ހުއްޓުނު ޒުވާނުންނާ ދިމާއަށް ރޫފަސް ބަލާލީ އެމީހުންނަށް ކަމެއް ފާހަގަވިތޯ ޔަގީން ކުރާށެވެ. "ހޫދު ވެސް އެބަހުރި.. އަޅޭ..." މަންޝާއަށް އެތާ ހޫދު ހުރިކަން އެނގުމުން އޭނާއަށް ހިމޭނަކުން ނުހުރެވުނެވެ. މަންޝާގެ އަނގަމަޑުކުރަން ރޫފަސްއަށް މަޖުބޫރުވިއެވެ. އިތުރުބަހެއް ނުބުނެވެނީސް މަންޝާގެ ދެކޯތާފަތުގައި ހިފާ ރޫފަސްގެ މޫނާ އެމޫނު ގާތްކޮށްލުމަށްފަހު މަންޝާގެ ތުންފަތުގައި އޭނާ ބޮސްދޭން ފެށީ އޭނާއަށް މަންޝާގެ އަނގަ ހުއްޓުވަން ހަދާނެ އިތުރުގޮތެއް ނުވިސްނުމުންނެވެ.
އަންހެނެއް ވާހަކަ ދެއްކި ކަހަލަ އިހްސާސެއް އެތާތިބި އެންމެންނަށްވެސް ކުރިއެވެ. ވަށައިގެން އެންމެންގެ ނަޒަރު ހިންގާލީ ކައިރިން މީހަކު ފެންނަން ހުރިތޯ ޔަގީންކުރާށެވެ. ގޮނޑުދޮށުގައި މަންޝާ އާއި ރޫފަސް ތިބި ދިމާއަށް ހޫދު ގާތްވެލީ އޭނާގެ އަތުގައި އޮތް ފޯނުގެ "ފްލޭޝް ލައިޓުން" އަލިކުރަމުންނެވެ. ރޫފަސްގެ ކުއްލި ހަރާކާތަށް ނުވިސްނާ ހުރި މަންޝާއަށް ލިބުނު ހައިރާކަމާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. ރޫފަސްގެ ދެކޮޑުގައި އަތްވިއްދާލަމުން އޭނާ ދުރަށްޖައްސަން މަންޝާ މަސައްކަތްކުރަން އުޅެފައި ވެސް އޭނާގެ އަތަށް ގެނައި ބާރަށް ދުލެއް ދިނުމަށްފަހު އޭނާ ހިމޭންވިއެވެ.
އެތަނުން މީހަކަށް އޭނާގެ މޫނު ފެނިއްޖިއްޔާ އެނގޭނެކަން އިނގޭތީ އޭނާ ބޭނުންވީ އެ ހުރި ގޮތަށް ހުންނާށެވެ. މަންޝާގެ ފަރާތުން ގަދަހެދުމުގެ ނިޝާނެއް ރޫފަސްއަށް ފާހަގަނުވުމުން މަޑުމަޑުން މަންޝާގެ މޫނުން ދެއަތް ވަކި ކޮށްލަމުން ދުރަށްޖެހެން އޭނާ މަސައްކަތްކުރިއެވެ. އެވަގުތު އެމީހުން ކައިރީ މީހަކު ހުރިކަން މަންޝާއަށް އިހްސާސްވުމުން ރޫފަސްގެ ކޮނޑުގައި ހިފާ އޭނާގެ ގައިގާ މަންޝާ އޮޅުލައިގަތީ މޫނު ނުފެންނާނެހެން ރޫފަސްގެ މޭގައި މޫނު ޖައްސާ ފޮރުވާލަމުންނެވެ.
*** *** *** *** *** ***
"ހިނގާ މިދިމާލުން ވަލުތެރެ ބަލާލަން ދާން..." ރާއިދުގެ އެދުމަށް ހޫދު އެއްގަމާ ދިމާއަށް އެނބުރި ކުރިއަށް ހިނގައިގަތެވެ.
ހަތްމީހުން އެކީގައި ގަސްތަކުގެ ތެރެއަށް މިސްރާބު ޖެހުމުން ރޫފަސްއަށް އެމީހުން ދެން އެނބުރި ނާންނާނެކަން އެނގުނެވެ. ރޫފަސްގެ ހަށިގަނޑުތެރޭ ބޮނޑިވެގެން އޮތް މަންޝާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އޭނާ ދުރަށްޖައްސާލި އިރު މަންޝާ އިނީ ދެލޯ މަރައިގެންނެވެ. މަންޝާގެ ދަތްދޮޅީގައި ހިފާލަމުން ޖަންބުކުލަ އަރާފައިވާ މަންޝާގެ މޫނަށް ބަލާލީ ހިނިތުންވަމުންނެވެ. "އެމީހުން ހިނގައްޖެ... ސޮރީ..." ރޫފަސްގެ މަޑުމައިތިރި ފިރިހެންވަންތަ އަޑުން ބޭރުކޮށްލި ލަފްޒުތަކުން މަންޝާގެ ހިތުގައި ރިހުމެއް އުފެދުނެވެ.
"ނޫން.. ތިހެން ނުބުނޭ... އަސްލު ވަރަށް ބޮޑަށް ޝުކުރިއްޔާ... އެހެންނޫންނަމަ އަހަރެންކަން އެމީހުންނަށް އެނގުނީސް..." މަންޝާގެ ސިކުނޑިއަށް ވިސްނުނުގޮތުގައި އެމީހުން އެތާ ތިބި ބައެއްކަން އެނގުނަސް އެއީ ކޮން ބައެއްކަން ހޫދުމެންނަށް ނޭނގުނީ މަންޝާގެ މޫނު ނިވާ ކުރީމަކަން އޭނާ ގަބޫލު ކުރިއެވެ. ނަމަވެސް ހަގީގަތުގައި ހޫދުމެންނަށް އެތާ ބަޔަކު ތިބިތަނެއް ނުފެނުނެވެ. ރޫފަސްއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ލޯތަކަށް މަންޝާވަނީ ކަޝްފުވެފައެވެ. ހަމައެކަނި ވަންހަނާ ނުކުރެވުނީ މަންޝާގެ އަޑެވެ.
*** *** *** *** *** ***
"އޭ.. ދެންމެ ހީވިދޯ މީހަކު ވާހަކަ ދެއްކިހެން... މަށަށް ވަރަށް ކައިރިން އެ އަޑު އިވުނީ..." ހޫދުގެ އަތުގައި ކޮއްޓާލަމުން ރާއިދު ވާހަކަ ދެއްކީ ޖެހިލުންވެފައި ހުރެއެވެ.
"އާން... މަށަށް ވެސް އިވުނު... މަގޭ ނަމުން ގޮވިހެން ހީވީމަ އެދިމާލުން އަތިރިއާ ކައިރިއަށް ޖެހިލީވެސް... މީހެއް ފެންނާކަށް ނެތް..." ވާނުވާ ނޭނގިފައި ހުރި ހޫދުގެ ބޮލުގައި ރިހުމެއް އުފެދިފައިވުމުން ނިތްކުރީގައި އެއްއަތުން ފިރުމާލިއެވެ. "ހަމަ ޔަގީންތަ އެތާ މީހަކު ނެތްކަން..." ޔަގީންކޮށްލަން ބޭނުންވެފައި ހުރުމުން ރާއިދު ސުވާލުކޮށްލީ ވަށައިގެން ފެންނަމުންދިޔަ ބިޔަ ގަސްތަކާއި ދިމާއަށް ބަލަމުންނެވެ.
"އޭ... އަސްލު މި ކުއްޖާ މިހެން ފިލާތަ؟ މީ ވަރަށް އާންމު ކަމެއްތަ؟.." ތިރިކޮށް ހެދިފައިވާ ގަސްތަކުގެ ގޮފިގަނޑުތަކުން ރެކެން ބޯތިރިކޮށްލަމުން ހޫދު ސުވާލުކޮށްލީ ސީމާއާ ބެހޭގޮތުން އިތުރު މައުލޫމާތެއް ލިބޭތޯއެވެ.
"ދޭތެރެ ދޭތެރެއިން މި މަންޖެ ގެއްލިގެން ހޯދަން ޖެހޭ.. އެކަމަކު މިހާ ގިނަ އިރެއް ނުވޭ... އާންމުކޮށް އަތިރިމަތިން އޭނަ އަތު ޖެހޭނީ.. މޮޔަވީމަ މޫދަށް އެރެން ވަރަށް ފޯރި ހުންނާނެ... ފެނާ ގުޅުން ހުރި އެއްޗެއް ކަމަށް ވަނީ..." ހޫދު ކުރި ސުވާލަށް މިފަހަރު ޖަވާބު ދިނީ އެމީހުންގެ ތެރޭގައި ހުރި ހަރު އުމުރުގެ ފިރިހެނެކެވެ.
"ދެން ކީއްކުރަން ވަލަށް މިވަންނަނީ... މޫދާ ދިމާއަށް ދަމާ..." ކުރިއަށް ހިނގަމުން ދިޔަ ރާއިދު ފިޔަވަޅު މަޑުކޮށްލީ އެމީހުންނަށް ވަލުތެރެއިން ވަރަށް އެތެރެއަށް ވަދެވިއްޖެކަމުގެ އިހްސާސްވެ ފެންނަމުން ދިޔަ މަންޒަރުތަކުން އޭނާ ޖެހިލުންވުމުންނެވެ. ދުރުން ފެންނަމުން ދިޔައީ ބިޔަކޮށް ހެދިފައިވާ ނިކަ ގަހެކެވެ. އެ ނިކަގަހުން ފައިބާފައިވާ އަޅޯތައް ވަޔާއެކީ މަޑުމަޑުން ދެއަތަށް ހެލެމުން ދިޔައިރު އެމަންޒަރު ވަރަށްވެސް ނާމާންވެފައި ބިރުވެރިއެވެ.
ރާއިދު ފަސްއެނބުރުނީ އެންމެ ކުރީގައި ހުރެ އޭނާ ހިނގަން ބޭނުން ނުވާތީއެވެ. ރާއިދުގެ ފަހަތުގައި ހުރި ހޫދުގެ ފިޔަވަޅު މަޑުކޮށްލަމުން ރާއިދާ ދިމާއަށް ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. "ކިހިނެއްވީ؟..."
"އަޅެ މިވަލުތެރެއަށް ވަނަސް ސީމާއެއް ނުފެންނާނޭ... އޭނައަށް އަވަލައިގެން އުޅެނީ މޫދު އެއްޗެކޭ..." ރާއިދު ވާހަކަ ދައްކަމުން ދިޔައިރު ހޫދުގެ ސަމާލުކަން ހުއްޓުނީ ރާއިދުގެ ފަހަތުން ފެންނަމުން ދިޔަ ނިކަ ގަހާ ދިމާއަށެވެ. "ޝްޝްޝް... އެ އިވެނީ ކޮން އަޑެއް..." ހޫދު ބުނި ޖުމްލައާއެކު ރާއިދު ހިމޭންވެ އިވެމުންދިޔަ އަޑަށް ސަމާލުކަން ދިނެވެ. ހޫދުގެ އަތުގައިވާ ފޯނުން ނިކަ ގަހާ ދިމާއަށް އަލިކުރަމުން ކުރިއަށް ހިނގައިގަތީ އެހިސާބުން މީހެއްގެ ހިލަމެއް ވީހެން ހީވުމުންނެވެ. ހޫދުގެ ފަހަތުން އެތާ ތިބި ހުރިހާ ފިރިހެނުންނަތައް ކުރިއަށް ޖެހިލީ އެމީހުންނަށް ވެސް އެ ބުނި އަޑެއް ކަންފަތުގައި ޖެހުމުންނެވެ.
"ކާކު؟..."
ހުދުކުލައިގެ ހެދުމެއްގައި ހުރި މީހަކު ދުވެފައި ކަހަލަ ގޮތަކަށް ނިކަގަހުގެ ބިއްދަށަށް ދިޔަތަން ފެނުމާއެކު ހޫދު ގޮވާލިއެވެ. ހޫދު އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ޖެހި ނިކަގަހާ އަރާ ހަމަވުމުން ފިޔަވަޅު މަޑުކޮށްލިއެވެ.
"ސީމާ...ސީމާ..." އެތަނުން ފިރިހެނަކު ސީމާގެ ނަމުން ގޮވާލިއެވެ. ހަމައެއާއެކު އެމީހުން ވާތްފަރާތަށް ހުރި ގަސްތަކުގެ ފަތްތައް ހެލިލި އަޑަށް އެންމެންނަށް ސިހިފައި ކަހަލަގޮތަކަށް އެ ދިމާއަށް ބަލާލިއެވެ. އެދިމާއަށް ދާން ކުރިއަށް ފިޔަވަޅު އެޅި ޒުވާނާއަށް ރާއިދު ގޮވާލިއެވެ. "އޭ.. މަށަކަށް ނުފެނޭ މިތާ މަޑުކުރާކަށް... ހިނގާ މިތަނުން ނިކުންނަން..."
ކަނާތްފަރާތުން މީހަކު ދުވެފައި ދާ ކަހަލަ އަޑެއް އިވުމުން އެ ދިމާއަށް ހޫދު އެނބުރިލީ ފޯނުން އަލިކޮށްލަމުންނެވެ. ހުދުހެދުމެއް ލައިގެން ހުރި މީހަކު ދުވެފައި ދިޔައިރު އޭނާގެ ދިގު އިސްތަށިގަނޑު ވަނީ ހޭވިފައެވެ. "އެއީ ސިމާތަ؟.. އެމަންޖެއަކާ ވައްތަރެއް ނޫން..." އެތަނުން މީހަކު ބުނި ޖުމްލައިން ހޫދުގެ ފިޔަވަޅު ހުއްޓުނެވެ. މަޑުޖެހުނު ފިޔަވަޅު ބިމުގައި ޖެހުނު ވަގުތު އެއްޗެއް ޗިސްވިކަމުގެ އިހްސާސްވުމުން ފައި ހިއްލާލަމުން ހޫދުގެ ފައިދަށުވީ ކޯއްޗެއްތޯ ބަލާލިއެވެ. "ޗީ.. މީ ކޯއްޗެއް..."
އަނގަޔަށް ކުނި ވައްތަރެއް ޖައްސާލަމުން ފޯނުން އެދިމާއަށް އޭނާ އަލިކޮށްލިއެވެ. ލެއާ އެކީ ތަތްތެޅިފައި އޮތް ބޮޑު ރުކުމަޑިއެކެވެ. "މީ ކޮންހާ ލެއެއް..." ހޫދުގެ ފައިދަށުގައި ހުރި ލޭތަކަށް ބަލާލަމުން ރާއިދު ބަލާލީ އޭނާ ހުރި ދިމާލުން ބިންމައްޗަށެވެ. "އައްޗީޑި..." ފަކުރުން ފުމެމުން ކަހަލަ ގޮތަކަށް ރާއިދު ދުރަށް ޖެހުނުތަން ފެނުމުން ކަންތައްވީގޮތް ބަލަން އެތާ ތިބި އެންމެން އެދިމާއަށް ގާތްވެލިއެވެ. ދަވަތަކެއް ފަދަ އެއްޗެހިތަކެއްގެ ތެރޭގައި ހުރީ ދިރޭ ހިމަ ދިގު ފަނިތަކެކެވެ.
"މީ ކޯއްޗެއް..." ހައިރާންވެފައި ހުރެ ހޫދު ސުވާލުކޮށްލީ އެތާ ތިބި މީހުންގެ މޫނަށް ބަލަމުންނެވެ. ކާޅެއް ގޮވާލި އަޑު އިވުމުން އެ އެންމެން ބޯ މައްޗަށް ބަލާލިއެވެ. އޭރު ކަޅު ކާޅުތަކެއް އައިސް އެ ނިކަގަހުގައި ޖައްސަން ފަށައިފިއެވެ. "އޭ.. މީކީ ރަނގަޅު ކަމެއް ނޫން.. ހިނގާ މިތަނުން ނިކުންނަން.. މިރަށަކީ ކާޅު އުޅޭވެސް ތަނެއް ނޫން... އަދި އެއްފަހަރާ މިހާ ކާޅު ފެނުމުން... ރޫހާނީ ކަމަކާ ވައްތަރީ.. ކަލޭމެން ތިބެންނާ ތިބޭ މަމި ބެޗީ..."
"މަ ބުނީމެއްނު ވަލަށް ވަންނާނެ ކަމެއް ނެތޭ... ހޫދު.. ދެންވެސް ހިނގާބަލަ ދާން.." ހޫދުގެ އަތުގައި ހިފާ ރާއިދު ދަމައިގަތެވެ. ހުއްޓުން އަރާފައިވާ ހޫދު އެމަންޒަރުތަކާ ދިމާއަށް ފޯނު ދިއްކޮށްގެން ހުރުމުން ރާއިދު އިތުރަށް ރުޅިގަދަވިއެވެ. "ނުދަންޏާ ތިތާ ހުރޭ.. މަމިދަނީ..." ރާއިދު ހިނގައިގަތުމުން ހޫދުވެސް މަޑުމަޑުން ފަހަތަށް ފިޔަވަޅު އެޅީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަމުންނެވެ. ނިކަގަހާ ދިމާއަށް އޭނާގެ ފޯނު އަމާޒްކޮށްގެން ހުރިއިރު ފޯނުގެ ސްކްރީނުން އެ މަންޒަރުތައް ދިޔައީ ރެކޯޑްވަމުންނެވެ.
*** *** *** *** *** ***
ހުން ގަދަވަމުން ދިޔަ ޒޯއީގެ ގައިގާ ފެންފޮތިލާން އިން މެހެކެގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. ޒޯއީގެ ހަށިގަނޑު ބަލިކަށިވެފައިވާ މިންވަރު އެނގުމުން މިކަމުގެ އަޑީގައި ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ކަށަވަރު ވިއެވެ. ޒޯއީއަށް ނިދިފައި އޮތް ނަމަވެސް މެހެކް ވަނީ ނިދިން މަޚްރޫމްވެފައެވެ. މިކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތައް އޭނާ ހޯދަން ބޭނުންވިއެވެ. ޒޯއީއަކީ މަންޝާގެ ދަރިއަކަށް ވީއިރު މެހެކްގެ މައިންބަފައިންނަކީ ކޮންބައެއް ހެއްޔެވެ؟ ޒޯއީއަށް އިހްސާސްވާ ފަދަ އެތައް ކަންތައްތަކެއް މެހެކްއަށް ވެސް އައީ ފާހަގަވަމުންނެވެ. ދުނިޔޭގައި ހޭދަކުރެވުނު މަދު ވަގުތުތަކުގައި އެއީ މެހެކްއަށްވެސް ނިސްބަތްވާ ތަނެއްކަން އިހްސާސްވަމުން ދިޔައެވެ. ބައެއް ހިސާބުތަކަށް ދެވުމުން މެހެކްގެ ހަށިގަނޑަށް ވެސް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ކުރުވައެވެ.
ބޭރުން ބަޔަކު ވާހަކަ ދައްކަމުން ދިޔަކަން މެހެކްއަށް ފާހަގަވުމުން ބޭރަށް ނުކުންނަން އޭނާ ގަސްތުކުރިއެވެ. ނިދިފައި އޮތް ޒޮއީގެ މޫނަށް ބަލާލުމަށްފަހު އެ ކޮޓަރިން މެހެކް ނުކުތީ ސިއްރުސިއްރުންނެވެ. "ޒޯއީއަށް އެ ހުރިހާ ކަމެއް އެނގުނީ ޒިބާންއާ ހެދި.. ޒިބާން ކާށިދޫއަށް ދިޔައީ ކީއްކުރަން؟... އަހަރެން ހީކުރީ ޒިބާން ކުރިން ދުވަހު ދެއްކި ވާހަކައިން ޒިބާން ބޭނުންވީ މަންޝާގެ ހަނދާންތަކާ ދުރަށް ދާން ކަމަށް.. އަހަންނާ އެކީ އުޅެން ކަމަށް... އަސްލު... ޒިބާންގެ ފަރާތުން އެފަދަ ލޯތްބެއް އަހަންނަށް ލިބޭނެ ކަމަށް އުންމީދު ކުރެވުމަކީ އަހަރެންގެ ކުށް... އަހަރެން އުންމީދުކޮށްގެން ވެސް ނުވާނެ ތި ހިތުގައި އަހަންނަށްޓަކައި ވިންދެއް ޖަހާނެއެކޭ..." ނުރޯން މަސައްކަތް ކޮށްގެން ހުރި ނަމަވެސް ތަޒްކިޔާގެ ލޮލަށް ޖަމާވެ ފުނިޖެހެމުން ދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
ތަޒްކިޔާގެ އަޑުގައިވާ ރިހުން ޒިބާންއަށް ދޭހަވިއެވެ. އޭނާގެ ހިތަށް ކޮންމެވެސް އަސަރެއް ކޮށްފިއެވެ. ތަޒްކިޔާ ކައިރިއަށް އައިސް ޒިބާން ހުއްޓިލީ އޭނާގެ ދެއަތުން ތަޒްކިޔާގެ މޫނުގައި ހިފާ އުފުލާލަމުންނެވެ. ތަޒްކިޔާގެ ދެލޮލަށް ބަލަން ހުރި ޒިބާންގެ ހިތުގައި ވިންދެއް ޖަހާލީ އެވަގުތެވެ. "އަހަރެން ގަސްތުގަ ކުރިކަމެއް ނޫނޭ... ޒޯއީގެ ބައެއް އަމަލުތައް ހުންނަގޮތުން މަންޝާ މަތިން ހަނދާން ވަނިއްޔޭ... ފަހުފަހަރަށް މަންޝާ ފެނޭތޯ އަހަރެން ދުނިޔެއަށް ފޭބީ... ދެން އެހެން ނުވާނެ..."
ޒިބާންގެ އަތުން ވީއްލިގެން ތަޒްކިޔާ ދުރަށްޖެހުނު އިރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. މިއީ ދުވަހަކުވެސް ތަޒްކިޔާގެ ފަރާތުން ފެނިފައިވާ ސިފައެއް ނޫނެވެ. އޭނާގެ ހިތުގައި އުތުރިއަރަމުންދާ އިހްސާސްތައް ފޮރުވުމަށް ކުޅަދާނަ ކަމެއް ލިބިފައިވީ ނަމަވެސް މިއަދު އެއިން އެއްވެސް އިހްސާސެއް އޭނާ ފޮރުވަން މަސައްކަތް ކުރަން ބޭނުން ނުވާ ކަހަލައެވެ. އެތައް ޝަކުވާތަކަކުން ޒިބާންގެ ހިތް ހަލާކުކޮށްލަން އުޅޭ ކަހަލައެވެ.
"ޒިބާން އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެން ޝާކުވާއެއް ނުކުރަމެއްނު... ކައިވެނިކޮށްގެން މިހާ ދުވަސްވީއިރު ލޯބިން އަހަންނާ އެކީ ވަގުތުކޮޅެއް ހޭދަނުކުރާތާނގަ އަހަންނަކީ ޒިބާންގެ ހަޔާތުގައި ހުރި މީހެއްކަން ވެސް ޒިބާން ގަބޫލުކުރަން ބޭނުން ނުވާ ކަހަލަ... މިއަދު އަހަންނަށް މައްސަލައަކަށް ވީ... މައްސަލައަކަށް ވީ..." ތަޒްކީޔާ ދައްކަން އުޅުނު ވާހަކަ ހުއްޓުނު އިރު އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު އެއިން ކަރުނަ ތިއްކެއް ފޮހެލަން ވެސް އޭނާ ބޭނުން ނުވާ ކަހަލައެވެ.
އަނގައިން ބަހެއް ނުބުނެ ތަޒްކިޔާގެ ވާހަކަތައް އަޑުއަހަން ޒިބާން ހިމޭނުން ހުރީ ކަރު އެލުވާލައިގެންނެވެ. ދުލުން ބޭރުން ކުރަމުން ދިޔަ ލަފްޒުތަކުން އެ ނުކުންނަކީ ތަޒްކިޔާގެ ހިތުގެ އުދާސްތައް ކަން އެނގޭތީ ޒިބާން ހަނު ހުރީ ކުރިމަރަން ބޭނުން ނުވާތީއެވެ.
(ނުނިމޭ)
