ދުނިޔޭގެ ފެންވަރުގައި ފަތުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓްރެވެލް ވެބްސައިޓް "ބިގް7ޓްރެވެލް" އިން ހޮވާ، އަހަރުގެ "ޓޮޕް 50 ބަކެޓްލިސްޓް ޑެސްޓިނޭޝަންސް" ގެ 6 ވަނާގައި ދިވެހިރާއްޖެ ރޭންކުކޮށްފިއެވެ.

ޓްރެވެލް ބަކެޓްލިސްޓަކީ އެކި މަންޒިލްތަކަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ދަތުރުކުރަން އެންމެ ބޭނުންވާ އުއްމީދީ މަންޒިލްތައް ހިމެނޭ ލިސްޓެކެވެ.

"ބިގް7ޓްރެވެލް"ގެ ސޯޝަލް ޕްލެޓްފޯމު ބޭނުންކުރަމުންދާ 1.5 މިލިއަން މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއަށް ބަލާއިރު ލިސްޓުގެ 6 ވަނަ މަގާމު ދިވެހިރާއްޖެ ހޯދާފައި މިވަނީ، ފަރަންސޭސިވިލާތުގެ ޕެރިހާ އެކުވެރި އަރަބި އިމާރާތުގެ ދުބާއީވެސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

"ބިގް7ޓްރެވެލް"ގެ ބެލެނިވެރި ކުންފުނި، "ބިގް 7 މީޑިއާ"އިން ބުނާ ގޮތުގައި، އެކި މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވެފައި ތިބޭ މީހުންގެ މެދުގައި މަންޒިލެއް ހިޔާރު ކުރުމަށް އެންމެ އިސްދައުރެއް މިހާރު އަދާކުރަނީ އިންސްޓަގްރާމް ޕޯސްޓުތަކެވެ. އެގޮތުން "ބިގް 7 ޓްރެވެލް"ގެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 67 ޕަސެންޓް މީހުން ދަތުރު ދާނެ އާ މަންޒިލެއް ހޯދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުން އެމީހުންނަށް ފޮޓޯއެއް ފެނިގެން، އެ ފޮޓޯއިން އެ ފެނުނު މަންޒިލަކާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކޮށްގެންކަން ވަނީ ފާހަގަކޮށްފައެވެ. މިމަންޒިލްތަކަށް ދަތުރުކުރުމަށްފަހު ތިބޭނެ ތަނެއް ނިންމާ ގޮތަށް ބަލާއިރު 61 ޕަސެންޓް މީހުން މި ނިންމުން ނިންމަނީ އިންސްޓަގްރާމް ފީޑުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަންވެސް "ބިގް 7 މީޑިއާ"އިންވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނަ ބޮޑެތި ފެއާތަކުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރަމުންދާއިރު، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަން މެދުވެރުކޮށް އެއަށްވުރެ ފުޅާ އޯޑިއަންސްއަކަށް ރާއްޖެ އިސްތިހާރު ކުރުމަށް މިހާރަށްވުރެ ބޮޑު އަހައްމިއްޔަތު ކަމެއް ދިނުމަށް ވިސްނަން މިވަނީ ޖެހިފައެވެ.

"ބިގް7ޓްރެވެލް" އިން ހޮވާ، އަހަރުގެ "ޓޮޕް 50 ބަކެޓްލިސްޓް ޑެސްޓިނޭޝަންސް" ގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ މި ފަހަކަށް އައިސް ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންޑޮނޭޝިއާގެ ބާލީއެވެ.