ދައުރުވަމުންދާ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވީޑިއޯ އަކީ ކުރީގެ ވީޑިއޯ އެއް ކަމަށާއި، އެ ވީޑިއޯ އިން ފެންނަ ކުޅުންތެރިން ޓީމުން ވަކި ކޮށްފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

15 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިން ތަކެއް އަހްލާގީ ގޮތުން ދަށުދަރައިޖައިގެ ކަންތައްތަކެއް ހިންގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ބެލުމަށް ފަހު އެކަމުގައި ބައިވެރިވާ ކުޅުންތެރިން ގައުމީ ޓީމުން ވަކި ކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ސޯޝަލް މީޑިއާގައި އާންމުވަމުން ދާ ވީޑިއޯ އަކީ މިހާރު އައްޑޫގައި ކުރިއަށްދާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ ވީޑިއޯ އަކީ މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައި ވާދަ ކުރި ޓީމުގެ ތެރޭގައި ހިނގާދިޔަ ކަމެއް ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މި ވީޑިއޯ އާ ގުޅުން ހުރި ކުދިންތަކެއް ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭތީ، އެ ކުޅުންތެރިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފައި ވާއިރު، އެ އެސޯސިއޭޝަނުން ވަނީ ޓީމުގެ ތެރޭގައި ހިނގި އަހުލާގީ ގޮތުން ދަށުދަރައިޖައިގެ އަމަލުތަކަކީ އެ އިދާރާއިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ކުޅުންތެރިންގެ ކަންތައްތައް ގާތުން ބެލުމަށާއި ކުޅުންތެރިންނާ މެދު އިތުރަށް ފަރުވާތެރި ވުމަށް، ޓީމުގެ އޮފިޝަލުންނަށް ނަސޭހަތް ތެރިވެފައިވާނެ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.