"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަވާ ޖަލްސާ، ބިލަތް މީރުކުރުމަކަށް ބަދަލުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ބޭއްވެވުމަށް ހަމަޖެއްސަވާފައިވާ ޖަލްސާ، ބިލަތް މީރުކުރުމަކަށް ބަދަލުކުރެއްވީ، މިނިވަންދުވަހުގެ ހަފްލާތަކާ ފުށޫ އަރާތީއާއި ޖަލްސާ ބޭއްވުމަށް އެއްވެސް ތަނެއް ނުލިބުމުގެ ސަބަބުން ކަމަށެވެ. އުމަރު ވިދާޅުވީ، މި ބިލަތް މީރުކުރުން އޮންނާނީ، މާދަމާ ރޭ 9:00 ގައި ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ކަމަށާއި، ޖާގަ އޮތް މިންވަރަކުން އާންމުންނަށް މި ހަފްލާއި ބައިވެރިވެވޭނެ ކަމަށެވެ.

"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި ބޭއްވުމަށް ހަމަޖެއްސެވި މި ޖަލްސާ ބިލަތް މީރުކުރުމަކަށް ބަދަލުކުރީ ޖަލްސާ ބޭއްވުމަށް އެއްވެސް ތަނެއް ނުލިބުމުގެ ސަބަބުން ކަމަށް އުމަރު ވިދާޅުވެފައިވާއިރު، މިމަހު 18 ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ، ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށާއި ހަމަނުޖެހުމެއްގައި ލިބޭ ގެއްލުމުގެ ޒިންމާ އުމަރު ނަންގަވަން ވާނެ ކަމަށް ބުނެ، ކާނިވާ ސަރަހައްދު ދީފައެވެ. ނަމަވެސް، އެދުވަހު މޫސުން ތަން ނުދިނުމުުގެ ސަބަބުން މި ޖަލްސާ ވަނީ ފަސްކޮށްފައެވެ. އެންމެ ފުރަތަމަ މި ޖަލްސާ ބޭއްވެވުމަށް އުމަރު ތައްޔާރުވަމުން ގެންދެވީ މިމަހު 12 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް، ޖަލްސާ ފަސްކުރަން ޖެހުނީ، ކާނިވާ ސަރަހައްދުގައި އެ ހަފްތާގައި މަގުމަތީ ބާޒާރެއް އޮންނާތީއެވެ.

"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި އުމަރު ބޭއްވެވުމަށް އުޅުއްވި ޖަލްސާއަކީ، ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރުމާ ގުޅިގެން ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވެވުމަށް ހަމަޖެއްސެވި ޖަލްސާއެކެވެ.

2010 ވަނަ އަހަރު ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ގޮސް، 9 އަހަރު ވަންދެން ފިލާ އުޅުމަށްފަހު، މިދިޔަ މޭ މަހު އެއް ވަނަ ދުވަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުމަރާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

އުމަރު ވިދާޅުވީ، އޭނާ ބާއްވަވާ ބިލެއްމީރު ކުރުން ޗެނަލް 13 އިން ލައިވްކޮށް ދައްކާނެ ކަމަށެވެ.