އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯޖީ) ގައި މިދިޔަ ހޯމަ ދުވަހު ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމުން ހޯދި ކާމިޔާބީ އަށް ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގެ ލެޑްބޯޑު ހާއްސަކޮށްފިއެވެ.

އައިއޯޖީގައި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ވަނީ މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދާފައެވެ. މޮރިޝަސް ބަލިކޮށް ހޯދި ކާމިޔާބީގައި ހިއްސާވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

މިކަމާ ގުޅިގެން ޑިޕެންސް މިނިސްޓަރު މާރިއާ ދީދީ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރާކަމަށެވެ. އަދި އެކަމުގެ ތަހުނިޔާ މިނިސްޓަރު މާރިއާ ވަނީ ޓީޓީ އަންހެން ޓީމަށް ފޮނުވާފައެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި އެފަދަ ގޭމްސްއަކުން ރާއްޖެ އަށް ލިބުނު ޖުމްލަ ދެ ވަނަ ރަން މެޑެއްޔެވެ. ފުރަތަމަ ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ.

ރާއްޖެއިން ހޯދި ކާމިޔާބީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން، ރައީސް އާ އެކު މޮރިޝަސްއަށް ވަޑައިގަތް ރާއްޖޭގެ ވަފުދުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މުޅި ރާއްޖެއިން ދަނީ އެ ކާމިޔާބީ ފާހަގަކޮށް ޓީޓީ އަންހެން ޓީމަށް ތަހުނިޔާ ފޮނުވަމުންނެވެ.

މީގެ ކުރިންވެސް ހާއްސަ ކަންކަމަ ގުޅިގެން ބަންޑާރަކޮށީ ލެޑް ބޯޑު ވަނީ ބައެއް ކަންކަމަށް ހާއްސަކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާ އަށް ދިން ބޮމުގެ ހަމަލާގައި އެތައް ބައެއްގެ ފުރާނަ ނެތިދިއުމުން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންވެސް ބަންޑާރަ ކޮށީގައި ހުންނަ ލެޑް ބޯޑު ވަނީ ލަންކާއަށް ހާއްސަކޮށްފައެވެ. އަދި މިދިޔަ މާޗުމަހުގެ ނިއުޒިލެންޑުގެ މިސްކިތަކަށް ހުކުރުވަގުތު ހަމަލާދީ 50 މުސްލިމުން މަރާލުމާ ގުޅިގެން ވެސް އެމްއެންޑީއެފް ގެ ލެޑް ބޯޑަށް އެކަމަށް ހާއްސަކޮށްފައިވާ ނިޝާން "ސިލްވަފާން" އަރުވާފައި ވެއެވެ.