ކުރެވުނު ދައުވާއެއް ވިއްޔާ ކުރެވިފައި އޮންނާނީ އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށް، މެންބަރުން ވަނީ ވޭތުވެދިޔަ އަހަރާއި އޭގެ ކުރިން ސިޔާސީ ބައެއް ފަރާތްތަކަށް ޕީޖީ ދައުވާ ކުރެއްވީ އެއްވެސް މީހެއްގެ ނުފޫޒަކުން ތޯ އަހާ ސުވާލު ކުރައްވާފައެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޕީޖީ ބިޝާމް ވިދާޅުވީ، ސިޔާސީ އެތައް ބަޔަކާއި މުޒާހަރާ ތަކުގައި ބައިވެރިވި މީހުންނަށް ދައުވާތައް އުފުލީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ބިޝާމް ވިދާޅުވީ އޭނާގެ މައްޗަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ނުފޫޒެއް އެއްވެސް އިރަކު ނެތް ކަމަށާއި ދައުވާ ކުރަމުން އައީ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ. އަދި މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވާ ނަމަ އަދި އެކަން ވެސް ކޮށްފައިވާނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށް ބިޝާމް ވިދާޅުވިއެވެ. އެފަދަ އެއްވެސް އިރުޝާދެއް އެއްވެސް މީހަކަށް ދީފައި ނުވާނެ ކަމަށް އޭނާ ބުނާއިރު، ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ފަހު ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަން ފާހަގަކޮށް މެންބަރުން ވަނީ ޕީޖީގެ ވާހަކަތައް ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރެއްވީ ޕްރޮސެކިއުޓް ކުރައްވާ އުސޫލުގެ ތެރެއިން އުސޫލަށް ފެތޭތީތޯއާ ކުރީ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުމުން އެސްއޯ ފުލުހުން މަޖިލީހަށް ވަދެ އެ މެންބަރުންގެ ލޮލަށް ޕެޕަ ސްޕްރޭ ޖަހާ، 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރީ ހަމަ ނުފޫޒެއް ނެތިތޯ އަހާ ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެދުވަސްކޮޅު ހިނގާދިޔަ ކަންތައްތަކަކީ ހިތާމަހުރި ކަމެއް ކަމަށާއި، ނަމަވެސް އެމައްސަލާގައި ވެސް ދައުވާ ކުރީ ރަނގަޅަށް ކަމަށެވެ. އަދި 12 މެންބަރުންގެ މައްޗަށް ދައުވާކުރީ އޭގެ ތެރެއިން ތިން މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޭރު އޮތުމުން އެކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، އެ ދައުވާތައް އަނބުރާ ގެނައީ ފަހުން އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ކަމަށް ޕީޖީ ބިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީޖީ އޮފީހުގެ ވަކީލަކު ވަޒީފާއިން ވަކިކުރީ ވުޖޫދުގައި ނެތް އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައިވާތީ އެކަމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ބިޝާމް ވިދާޅުވީ، އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ގެންދާ ކޮމެޓީއެއްގައި އެ މައްސަލާގެ ތަފްސީލުތައް ހާމަކުރުމަށް އޭނާ އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.