ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީށް ސޯލިހްގެ ދެކަނބަލުން މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް މިއަދު ހަވީރު ފުރާވަޑައިގެންނެވީ މޮރިޝަސްގެ ސާ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އެގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަދި އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ އައިއޯއައިޖީގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާސިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖެ ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި، ވޮލީބޯޅަ، ފުޓްބޯޅަ އަދި، އެތްލެޓިކްސް ހިމެނެއެވެ.