ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުން ވަކީލުން ހާޒިރުނުވުމުގެ ސަަބަބުން ފަސްކޮށްފިއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ދެން މި މައްސަލައިގައި ޝާމިލްވާ މީހާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ޔާމީންގެ މައްސަލައިގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު ތަވަލުކުރި ޔާމީންގެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެކެވެ. ނަމަވެސް ހައިޝަމް ރަޝީދުގެ ވަކީލް އަހުމަދު ޔާމީން ހާޒިރު ނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ވަކީލް އަހުމަދު ޔާމީން ހާޒިރުވެވެންނެތް ކަަމަށާއި އޭނާއަށް ހާޒިރުވެވެންނެތީ ބަލިހާލަތު ހުރި ގޮތުން ކަމަށްވެސް ކޯޓަށް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ނުކޮށް ބާއްވަން ނިންމެވީ ވަކީލުންނަށް އިލްތިމާސް ކުރުމަށް ކަމަށެވެ. ގާޒީ ވިދާޅުވީ ޔާމީންގެ ޝަރީއަތް ދިގުލައިގެން ގޮސްފައި ވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހުރެ ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން ކަމަށެވެ. އަދި ދިފާއީ އެއްވެސް ވަކީލެއް ހާޒިރުނުވުމުން ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ ދިފާއެއްގެ ހައްގެއް ގެއްލިގެންދާނެތީވެ އަޑުއެހުން ފަސް ކުރަންޖެހޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ އެ މައްސަލަަ މި ހަފްތާއަށް ތައާވަލްކުރުމަށް އެދިފައިވީ ނަމަވެސް ދިފާއީ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދާ، އަޑުއެހުންތައް ވަނީ ދުރާލާ ކުރިން ރާވާފައިވާ ކަމަށާއި އެހެން ދުވަސްތަކުގައި އަޑުއެހުންތައް ބާއްވާނަމަ ހާޒިރުވާން ދަތިވެދާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ އިތުރު އަޑުއެހުމެއް މި ހަފްތާގައި ނުބާއްވާނެ ކަމަށާއ، ކުރިންވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި މިއަދުގެ ޝަރީއަތުގެ ބަދަލުގައި އެހެން ހަފްތާއެއްގައި ދެ ޝަރީއަތް ކުރިއަށް ގެންގޮސް މައްސަލަ ތާވަލް ކޮށްފައިވާ ދުވަހަކަށް ނިންމަން ބޭނުންވާ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ދެން މިމައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު އޮންނަ އޮރު، އެ އަޑުއެހުމެއްގައި މިއަދު ހެކިބަސް ނަގަން ނިންމާފައިވާ ދެ ހެކިވެރިންގެ ހެކިބަސް ނެގުން އޮންނާނެއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.