ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

ނަސޭހަތް ދިނުމަށް ޖޭއެސްސީއަށް ހުށަހެޅި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ހިމެނެއެވެ. މި ތިން ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ޖޭއެސްސީއަށް ހުށަހެޅީ އެ ތިން ބޭފުޅުންގެ މައްސަލަ ބެލި ކޮމެޓީންނެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ 47 ވަނަ ބައްދަލުވުމުގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަހުގީގުކުރި ކޮމެޓީގެ ރިޕޯޓު ބަލައިގަންނަން ނިންމާފައެވެ. އަދި މި ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން، މާދަމާއިން ފެށިގެން ފަނޑިޔާރުން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައާ ބެހޭގޮތުން އިތުރު ތަފްސިީލެއް މިއަދު ޖޭއެސްސީން ހާމަ ކޮށްފައި ނުވާއިރު، މި މައްސަލަތައް ބަލަމުންދާ ކަމަށް ޖޭއެސްސީން ހާމަކުރީ މި މަހުގެ 10 ވަނަ ދުވަހެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު ބަލައިގަންނަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މި ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށާއި ކޯޓުތަކަށް އަދި ތަންފީޒީ އިދާރާތަކަށް ހިއްސާކުރުމަށް ވެސް އެ ކޮމިޝަނުން ވަނީިިި ނިންމާފައެވެ.