ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މޫދުގައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅުން 38 އަހަރުގެ އަންހެން ފަތުރުވެރިއަކު ގެއްލިގެން ރޭ 20:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާ ހޯދުމުގައި ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ އަންހެން މީހާ ރޭ ދަންވަރު 2:00 ހާއިރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ އަންހެން މީހާ ފެނުނު އިރު އޮތީ މޫދުގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް މޫދަށް ގޮސް އުޅެނިކޮށް ފަތުރުވެރިން ގެއްލެމުން ދާކަމުގެ ގިނަ ރިޕޯޓުތަކެއް ފުލުހުންނަށް ލިބެމުން ދެއެވެ. އަދި ރިސޯޓު ތަކުގައި ގެނބިގެން މަރުވާ ފަތުރުވެރިންގެ މިންވަރުވެސް މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ ހާދިސާތައް މަދުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.