ސަޕްލިމަންޓް ނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫ ވާނެތީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓަށް ހުށަހަޅަން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ވަރަށް އަވަހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަދި މިގޮތަށް ނިންމާފައި ވަނީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމުން، އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ދަތިވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަޖިލީހަށް ސަޕްލިމަންޓް ބަޖެޓެއް ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރާކަން މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ. ބަޖެޓްގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާތީ، ބަޖެޓާ ގުޅޭ އިތުރު މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ދީފައެއް ނުވެއެވެ. ނަމަވެސް މަޖިލީހަށް ބަޖެޓް ފޮނުމުގެ ކުރިން ތަފްސީލު ހާމަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި އަހަރށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިދިޔަ ސަރުކާރުން ބަޖެޓް އެކުލަވާލުމުގައި މި ސަރުކާރުގެ އިސްފަރާތްތައް ބައިވެރިކޮށް، ބޭނުންވާ ޕްރޮޖެކް ޓަތައް ހިމަނާފައިވާ ކަމަށް ކުރީ ސަރުކާރުން ބަޖެޓް އެކުލަވާލި އިރު ބުނެފައި ވެއެވެ.

ނަމަވެސް މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ބަޖެޓްގައި ހުރީ އަދަދުތަކެއް ޖަހާފައި ކަމަށާއި، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ފަށަން ބަޖެޓްގައި ފައިސާ ނެތް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 12.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.